Last Updated: April 20, 14:49
Saturday, April 20, 2024
ސިޔާސީ

ގާނޫނު ބަދަލުކޮށްގެން ވެސް އިންތިހާބް ކާމިޔާބު ކުރާނަން: އަދުރޭ

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ. ފޮޓޯ: އަރީހް

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބް ކަށަވަރުވެފައިވާ ކަމަށާއި 2023 ވަނަ އަހަރުގެ އިންތިހާބް ގާނޫނު އަސާސީ ބަދަލުކޮށްގެން ނަމަވެސް ކާމިޔާބް ކުރާނެކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް ނުފޫޒު ބޭނުންކޮށްގެން ބިރު ދައްކައިގެން މެމްބަރުން ވައްދާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މަޖްލިސްއަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް މަސައްކަތް ކުރެއްވޭނެކަމަށެވެ. އެގޮތުން މެޑަމް ފާތުން އިސްވެ ހުންނަވައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ފަހްރުވެރިވުން ހައްގު މަސައްކަތެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްއަށް މެމްބަރުން ވަންނަމުން އަންނަނީ އަމިއްލަ އިހްތިޔާރުގައި ހިތް ހަމަޖެހުމާއި އެކު ކަމަށެވެ. އަދި މެމްބަރުން އިތުރުކުރުމަށް އެއްވެސް ކަހަލަ މަޖްބޫރުކަމެއް ނުގެންގުޅޭ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ގައުމު ބިނާ ކުރެއްވުމަށް ބުރަކޮށް މަސައްކަތް ކުރައްވަމުން އަންނަ އިރު އެމަނިކުފާނާއި އެކު އެހާ ބުރަކޮށް މެޑަމް ފާޠުން ޕާޓީ ހިންގަވަމުން ގެންދަވާކަމަށް ވިދާޅުވެ އަދުރޭ މެޑަމް ފާތުންއަށް ތައުރީފް ކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ 2018ގެ އިންތިހާބް ކަށަވަރުވެފައިވާ އިރު ގާނޫނު ބަދަލުކޮށްގެން ނަމަވެސް 2023 ކާމިޔާބް ކުރައްވާނެކަމަށެވެ.

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމަށް މުޅި ރާއްޖޭގައި ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ޕީޕީއެމްއަށް ސޮއި ކުރިކަމަށް އެޕާޓީން ބުނާްއިރު އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ޕާޓީއަށް މީހުން އިތުރުކުރަނީ ބިރުދައްކައިގެން ކަމަށެވެ.