Last Updated: April 26, 15:02
Friday, April 26, 2024
މުނިފޫހިފިލުވުން

އޮސްކާގެ މޮޅު ފިލްމަކީ "މޫންލައިޓް"

އޮޅުންބޮޅުން ބޮޑު 89 ވަނަ އޮސްކާ ހަފުލާގައި އެންމެ މޮޅު ފިލްމަކަށް ޖެރީ ބެންކިންސްގެ "މޫންލައިޓް" ހޮވިއްޖެ އެވެ.

އެ ފިލްމަށް އެންމެ މޮޅު ފިލްމުގެ އޮސްކާ ލިބުނުކަން އިއުލާން ކުރީ "ލާ ލާ ލޭންޑް" އަށް އޮސްކާ ލިބުނުކަން އިއުލާންކޮށް، އެ ފިލްމުގެ ޓީމް އެވޯޑް ބަލައި، ސްޓޭޖަށް ވެސް އެރި ފަހުންނެވެ.

"މޫންލައިޓް" އަށް އެންމެ މޮޅު ފިލްމުގެ އޮސްކާގެ އިތުރުން ވެސް ދެ އެވޯޑެއް ލިބުނެވެ. އެއީ އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އެވޯޑާއި އެ ފިލްމުން ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑް މެހެރްޝާލާ އަލީ އަށް ލިބުނު އެވޯޑެވެ.

އޮސްކާގެ އެންމެ މޮޅު އެކްޓަރަކަށް "މެންޗެސްޓަ ބައި ދަ ސީ" އިން ކޭސީ އެފްލެކް އުފުލާލި އިރު، އެންމެ މޮޅޫ ބަތަލާއަކީ "ލާ ލާ ލޭންޑް" ގެ ބަތަލާ އެމާ ސްޓޯން އެވެ.

އެެންމެ މޮޅު ޑައިރެކްޓަރަކީ "ލާ ލާ ލޭންޑް" ގެ ޑައިރެކްޓަރު ޑެމިއަން ޗެޒެލް އެވެ. އެ ފިލްމަށް ވަނީ އެންމެ މޮޅު އޮރިޖިނަލް ސްކޯ، އެންމެ މޮޅު އޮރިޖަނަލް ސޯންގް، ބެސްޓް ސިނަމަޓޮގްރަފީ އަދި ބެސްޓް ޕްރޮޑަކްޝަން ޑިޒައިން އޮސްކާ ވެސް ލިބިފަ އެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ލިބުނީ "ފެންސެސް" އިން ވަޔޯލާ ޑޭވިސްއަށެވެ.

އެންމެ މޮޅު ބޭރު ފިލްމަކަށް އިރާންގެ ޑައިރެކްޓަރު އަސްގަރް ފަރްހާދީގެ "ސޭލްސްމަން" ހޮވުނު އިރު އެންމެ މޮޅު އެނިމޭޓެޑް ފިލްމަކަށް ހޮވުނީ "ޒޫޓޯޕިއާ" އެވެ.