Last Updated: April 23, 13:19
Tuesday, April 23, 2024
ސިޔާސީ

އަދުރޭގެ ވަރުގަދަ ޗެލެންޖެއް އެމްޑީޕީ އަށް

އިދިކޮޅު އެމްޑީޕީ އިން ތިން ދުވަހުގެ ތެރޭގައި ޕީޕީއެމް ކުރި ގޮތަށް މަސައްކަތް ކޮށްގެން މަގު މައްޗަށް ނިކުމެ 100 މީހުން އަލަށް ޕާޓީއާއި ގުޅި މެމްބަޝިޕް ފޯމް ފުރިޔަސް އަހަރު ދުވަހުގެ މުސާރަ ދޭނެ ކަމަށް ބުނެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެމްޑީޕީ އަށް ޗެލެންޖުކޮށްފިއެވެ.

އަދުރޭ މިއަދު މަޖިލީހަށް ޕީޕީއެމްއަށް މެމްބަރުން މަޖުބޫރުން ވައްދާ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދި ހުށައެޅުނު ގަރާރަށް ވާހަކަ ދައްކަމުން ބުނެފައިވަނީ މިހާރު އެބޭފުޅުން އެއުޅެނީ ހަދާނެ ނުހަދާނެ އެއްޗެއް ނޭނގިގެން ކަމަށެވެ. އަދި އެޕްރިލަ 15 ވަނަ ދުވަހު ބާއްވާ އިންތިޚާބުން ވަރަށް ރަނގަޅަށް ތާއީދު އޮތީ ކޮން ބަޔަކަށް ކަން ސާފުވެގެންދާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ގަރާތަށް ވާހަކަ ދައްކަމުން މަޖުބޫރުން ޕާޓީއަށް މީހުން ވައްދާ ކަމަށް ދައްކާ ވާހަކަ ދޮގު ކޮށްފައެވެ. އަދުރޭ ތަމްސީލް ކުރައްވާ ދާއިރާގެ ފޮނަދޫ އިން އެއްވެސް ތާކަށް ނުގޮސް ހަމައެކަނި ގޭ ކައިރިންވެސް އެބޭފުޅާ ވަނީ 300 މީހުންގެ ސޮއި ޕާޓީއަށް ހޯދާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީ އަށް ޗެލެންޖު ކުރައްވަމުން އަދުރޭ ވިދާޅުވެފައިވަނީ ތިން ދުވަހުގެ ތެރޭގައި 100 ފޯމު ފުރުމަށް ވަޑައިގެން އެކަން ހާސިލު ވެއްޖެނަމަ އެއް އަހަރު ދުވަހުގެ މުސާރަ ދޭނެ ކަމަށެވެ. އަދުރޭ ވަނީ އެއީ ނުކުރެވޭނެ ކަމެއް ކަމުގެ ޔަގީން ކަން މަޖިލިސް ތަޅުމުގައި ދީފައެވެ.

އިތުރަށް ވާޙަކަ ދައްކަވަމުން އަދުރޭ ވިދާޅުވެފައިވަނީ އެމްޑީޕީ ހަރުގެ ކައިރިއަށް މިހާރު މީހުން އެއް ނުވަނީ އެސަރަހައްދަށް ވަޑައިގަތުމުން ރައީސް ޔާމީން ފެއްޓެވި ތަރައްގީގެ ބިޔަ މަޝްރޫއުތައް ފެނިލައްވާތީ ކަމަށެވެ.

އަދުރޭގެ މި ޗެލެންޖަށް އަދި އެމްޑީޕީ އިން އެއްވެސް ބަހެއް ބުނެފައިނުވެއެވެ.