Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޒަރީރްގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ނަޝީދު

ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެން ގަމުގެ ވައިގެ ބަނދަރުގައި. ފޮޓޯ: އަލީ ފާއިގް

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާ ޒަރީރުގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ފާޑުކިޔައިފިއެވެ.

ނަޝީދުގެ ޓުވިޓާގައި މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޒަރީރުގެ މައްޗަށް ހިންގާފައިވަނީ ބޭއިންސާފު ޝަރީއަތެއް ކަމަށެވެ. އަދި އޭނާއަށް ކުރި ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ނަޝީދު ވިދާޅުވެފައިވެއެވެ.

ދައުލަތުން ޒަރީރާއި ދެކޮޅަށް އުފުލި ދައުވާ ސާބިތުވެ އޭނާ ވަނީ 3،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް ޒަރީރު ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ.

ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަސް ނަގާފައިވާއިރު ދައުވާގައި ބުނެފައިވަނީ ޒަރީރު ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ އެ ސަރަހައްދުގައި ޖަހާފައިވާ ފުލުހުންގެ ޝީލްޑްތަކުގައި ކޮއްޕައި ފުލުހުންގެ ދައުރު އަދާކުރުމަށް ޒަރީރު ދަތިކޮށްފައިވާ ކަމަށެވެ.