Last Updated: April 26, 15:47
Friday, April 26, 2024
ކުޅިވަރު

ރޮނާލްޑޯ ލަލީގާގެ ޕެނަލްޓީ ރިކޯޑް މުގުރާލައިފި

ސްޕެނިޝް ލަލީގާ ގައި ރޭ ރިއަލް މެޑްރިޑާއި ވިލަރެއާލް ކުޅުނު މެޗު ފަހަތުން އަރައި 2-3 އިން ރިއަލް މޮޅުވި ގޯލު ޖެހި ރޮނާލްޑޯ ވަނީ އޭނާގެ ޕެނަލްޓީއާއެކު ރެކޯޑެއް ހަދާފައެވެ.

ހޫގޯ ސަންޗޭޒްއާއި އެކު 56 ޕެނަލްޓީ ކާމިޔާބުކޮށްގެން ލަލީގާގެ އެންމެ ގިނަ ޕެނަލްޓީ ޖެހި ކުޅުންތެރިޔާގެ ރެކޯޑު ރޮނާލްޑޯ މުގުރާލާފައިވަނީ ރޭގައި ޖެހި 57 ވަނަ ޕެނަލްޓީ ގޯލާއެކުގައެވެ.

ޓޯނީ ކްރޫސް ފޮނުވި ބާރު ބޯޅަ ވިލަރެއާލްގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހިފައިވުމުން ރެފްރީ ވަނީ ގަސްދުގައި އަތުގައި ޖެއްސީ ކަމަށް ނިންމައި ޕެނަލްޓީ ދީފައެވެ. ނަމަވެސް ވިލަރެއާލް ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުމަށް އިންކާރުކޮށްފައެވެ.

ރޭގެ މެޗުގައި ވިލަރެއާލް 0-2 ގެ ލީޑެއް ނެގިނަމަވެސް ޒިދާންގެ ކުޅުންތެރިން ވަނީ ފަހަތުން އަރައި ލަނޑުތައް ކާމިޔާބުކޮށްފައެވެ. މެޗުގައި ފެނިގެން ދިޔަ ފަސް ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާއިރު ރިއަލް އިން ފުރަތަމަ ގޯލު ޖަހާފައިވަނީ 64 ވަނަ މިނެޓުގައި ބޭލްއެވެ.

ދެވަނަ ގޯލު 74 ވަނަ މިނެޓުގައި ރޮނާލްޑޯގެ ރެކޯޑު ޕެނަލްޓީއާއެކު އެއްވަރުކޮށްފައިވަނިކޮށް 83 ވަނަ މިނެޓުގައި މޮޅުވި ގޯލު ޖަހާފައިވަނީ މޮރާޓާއެވެ.

މިމޮޅާއެކު ރެއާލް އަށް ވަނީ ތާވަލުގެ އެއްވަނަ އަނެއްކާވެސް ލިބިފައެވެ. ނަމަވެސް ބާސާ ރޭ އެތްލެޓިކޯ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގާފައިވަނިކޮށް ރިއަލް ވަނީ އެއްވަނައަށއ އެނބުރި އެއް ޕޮއިންޓުގެ ލީޑަކާއެކު ޖެހިލާފައެވެ.