Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޝުމްބާގެ ޝަރީއަތް ކެންސެލްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ ގާތް ބޭފުޅެއް ކަމަށްވާ އަހުމަދު އަޝްރަފް(ޝުމްބާ ގޮންގް) ޖަލުގައި އަހަރު ދުވަހު އޮތުމަށް ފަހު މިއަދު ތާވަލް ކުރެވުނު ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުގޮސް ކެންސެލް ކޮށްފިއެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމުގައި މިއަދު ވަނީ ހެކިންގެ ހެކި ބަސް ނެގުމަށް ތާވަލްކޮށްފައެވެ.

ބިރު ދެއްކުމުގެ ދައުވާ ސާބިތުކުރުމަށް ސިއްރު ހެކިން ހުށައެޅުމަށް ހަމަޖެހިފައިވި ނަމަވެސް ޝަރީއަތް ކެންސެލް ކުރުމާއި ގުޅިގެން ހެކިންގެ ހެކިބަސް މިއަދު ނަގާފައި ނުވެއެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒް ވަނީ މީގެ ކުރިން ބޭއްވުނު އަޑުއެހުމެއްގައި ޝުމްބާ އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ބުނެ ހެކިބަސް ދީފައެވެ. އިންޒާރު ދީފައިވަނީ ވައިބާ، ޓުވިޓާ އަދި އެސްއެމްއެސް މެދުވެރިކޮށް ކަމަށް ބުނެ ޒާހިދު ވަނީ ހެކިބަސް ދީފައެވެ.

ޒާހިދު އިތުރަށް ބުނެފައިވަނީ ޝުމްބާ ވަނީ އަވަހާރަކޮށްލެވުނު ޑރ.އަފްރާޝީމް އަލީގެ އަވަހާރަކޮށްލާފައިވާ ފޮޓޯއަކާއި ބޭރު މީހުން މަރާލާފައިވާ ފޮޓޯތައް އޭނާގެ އާއިލާ މީހުންނަށް ފޮނުވާފައި ކަމަށް ބުނެފައެވެ.