Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ބޭރު ފައިސާ ކާޑުން މުއާމަލާތް ކުރެވޭ ގޮތް ހަދައިފި

ޑީސީސީގެ ޚިދުމަތް ކާޑް ސާވިސްގެ ހެޑް، އަބްދުލް އަލީމް ދައްކަވަނީ: ފޮޓޯ - ބީއެމްއެލް

ދިވެހި ރާއްޖޭގެ އެންމެ ބޮޑު ބޭންކެ، ބޭންކް އޮފް މޯލްޑިވްސް އިން ބޭރު ގައުމުގެ މީހުންނަށް އެމީހުންގެ އަމިއްލަ ފައިސާ އިން ރާއްޖޭގައި ވިޔަފާރި ކުރުމުގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކުރެވުނު ޑައިނަމިކް ކަރަންސީ ކޮންވާޝަންގެ ޚިދުމަތާއެކު މިއީ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށާއި ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މީރު އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މިޚިދުމަތް ފައްޓަވާ ދެއްވަމުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިސްނަސް، ކުލްދީޕް ޕަލިވާލް ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ކޮންމެ އަހަރަކު ދަތުރުކުރާއިރު މިފަދަ ޚިދުމަތެއް ލިބުމަކީ އެބޭފުޅުންނަށް ވަރަށް ބޭނުންތެރި ކަމަކަށް ވާނެ ކަމަށެވެ.

މިޚިދުމަތާއެކު ޑޮލަރުން އެ މީހަކު ގެންގުޅޭ ކާޑެއް ދޫކޮށްފައިވާ ފައިސާ އަށް ޖެހޭ މިންވަރު ވަގުތުން އެނގި، އޮޅުން އެރުން ފަދަ ކަންކަމުން ސަލާމަތް ވެގެންދާނެއެވެ.

ޚިދުމަތް ބޭނުންކުރާނެ ގޮތް ކިޔާދެއްވަމުން ބީއެމްއެލްގެ ހެޑް އޮފް ކާޑް ސާވިސަސް، އަބްދުލް އަލީމް ވިދާޅުވެފައިވަނީ ކާޑު މެޝިނުގައި ކާޑުން ސްވައިޕް ކޮށްލުމުން މުއާމަލާތަކަށް އަރާވަރު މެޝިނުން ދައްކާނެ ކަމަށެވެ.

"މިސާލަކަށް، ކުރިން ވެއްޖިއްޔާ ޖަޕަނީސް ޔެންގެ އެކައުންޓަކުން ކެނޑޭ ވަރު އަމިއްލަ އަށް ހިސާބު ހަދަން ވަރަށް އުނދަގޫ ވާނެ. މިހާރު އެކައުންޓުން ކަނޑާނީ ސީދާ ޔެން އިން، ރިސޯޓަށް ލިބޭނީ ޑޮލަރުން،" އަލީމް ވިދާޅުވެފައިވެއެވެ.

ބީއެމްއެލް އިން އަންނަނީ "އަހަރެންގެ ބޭންކް" ކެމްޕެއިނުގެ ދަށުން ރާއްޖެއަށް މުޅިން އާ ޚިދުމަތްތައް ތައާރަފްކޮށް ކަސްޓަމަރުންނަށް ގިނަ ގުނަ ފަސޭހަތަކެއް ހޯދައިދެމުންނެވެ.