ސ. ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި އެންޑް ސްޕާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާކަމަށް ބުނެ ރިސޯޓްގެ ޖެނެރަލް މެނޭޖަރ އާއި ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކެވި އެތަނުގެ މުވައްޒަފަކު ބުނީ ޖީއެމް އާއި ދެކޮޅަށް މުވައްޒަފުން ނިކުންނަ ހިސާބަށް ކަންތައް ގޯސްވެފައިވާ ކަމަށެވެ. އެގޮތުން އޭނާ އެންމެ ބޮޑަށް ފާހަގަކުރީ ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުން ތަކެވެ.
ޖީއެމް އާޢި ދެކޮޅަށް މުޒާހަރާ ކުރުމަށް ތައްޔާރުވަމުން އަންނަ އިރު މިދިޔަ ދެ ހަފްތާ ތެރޭގައި 4 މުވައްޒަފަކުވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި 64 މުވައްޒަފެއްގެ ކޮންޓްރެކްޓް އާނުކޮށްފާނެކަމުގެ ބިރު އޮތްކަމަށް މުވައްޒަފުން ބުންޏެވެ.
ޝަންގްރިއްލާއިން ދާދި ފަހުން ވަނީ އެތަނުގެ ސްޓާފް ޝޮޕް ސަރަހައްދުގައި މުވައްޒަފުން ބެލުމަށް ބަހައްޓާފައިވާ ޓީވީ ނުބެލޭ ގޮތަށް ހަދައި އެތަނުގައި ބަހައްޓާފައިވާ ގޮޑިތައްވެސް ނަގާފައެވެ. އަދި ދިވެހި މުވައްޒަފުންނަށް އަރާމް ކުރުމަށް ދީފައިވާ ކޮޓަރިތައްވެސް ނެގުމަށް ނިންމާފައިވާ ކަމަށް އެމުވައްޒަފުން ބުންޏެވެ.
ޝަންގްރިއްލާ ރިސޯޓްގައި މަސައްކަތް ކުރާ ހުރިހާ ދިވެހި މުވައްޒަފުން ޑިއުޓީ ނިންމުމަށްފަހު އެނބުރި ރިސޯޓުން ބޭރުވާން ޖެހެއެވެ. ރިސޯޓްގައި ތިބެވޭނެ ގޮތް ހަމަޖައްސާފައިވަނީ ހަމައެކަނި ބިދޭސީ މުވައްޒަފުންނަށެވެ.
ބިދޭސީންނާއި ދިވެހި މުވައްޒަފުންގެ ތަފާތުކުރުން އިންތިހާއަށް ބޮޑު މިރިސޯޓްގެ މެނޭޖްމަންޓުން ދާދި ފަހުން ވަނީ ބިދޭސީ މުވައްޒަފުންގެ މުސާރައިން ރެމިޓެންސް ޓެކްސް ނަގަން ފެށުމާއި އެކު އެމުވައްޒަފުންނަށް އިތުރަށް 40 ޑޮލަރު ބޮޑުކޮށްދީފައެވެ.
ނަމަވެސް ދިވެހި މުވައްޒަފުންނަށް ރަމަޟާން އެލެވެންސް ދިނުމަށްފަހު އެ އަދަދު އަހަރީ ބޯނަސްއިން އުނިކުރާތީވެސް މުވައްޒަފުން ތިބީ ރަތަށް އަރާފައެވެ.
"ބިދޭސީ މީހާއަށް ރެމިޓެންސް ޓެކްސްއަށް މުސާރަ ބޮޑުއެބަވޭ، އަހަރެމެންނަށް މިދޭ ރަމަޟާން އެލަވެންސް ބޯނަސްއިން މި ކަޑާލަނީ، މިއީ ހެއްވާ ކަމެއް، ހަމައެއް ލަމައެއް ނެތް"
ޝަންގްރިއްލާ މުވައްޒަފުން ބުނީ މުޒާހަރާއަށް ތައްޔާރުވަމުން އަންނަ އިރު މުޒާހަރާ ބާއްވާ ދުވަސް އަދި މުޅިން ފައިނަލް ނުވާކަމަށެވެ.
ޝަންގްރިއްލާއިން ވަނީ މުވައްޒަފުން ވަކި ކުރާ ވާހަކަ ދޮގުކޮށްފައެވެ. މީގެ ކުރިންވެސް ޖީއެމްއަކާއި ދެކޮޅަށް ޝަންގްރިއްލާގައި މުޒާހަރާކޮށްފައިވެއެވެ.