ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރަށް ބޭސްފަރުވާ އަށްޓަކައި ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ރާއްޖެ ވަޑައިގެންފިއެވެ.
ސަން އޮންލައިންއަށް ދިން އިންޓަވިއުއެއްގައި މަހްލޫފްގެ އަންހެނުން ނަޒްރާ ނަސީމް ވިދާޅުވީ މަހްލޫފް ރާއްޖެ ވަޑައިގަތީ ރޭ ރާއްޖެ ގަޑިން 19:30 ގައި ކަމަށެވެ. އަދި ރާއްޖެ ވަޑައިގަތުމުން މަހްލޫފް ކަރެކްޝަނަލް ސާވިސް އިން ޖަލަށް ލާފައިވާ ކަމަށްވެސް ނަޒްރާ ވިދާޅުވިއެވެ.
މަހްލޫފް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 އިން 21 އަށްވެސް ބޭސްފަރުވާ އަށްޓަކައި އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ އެލާޖިކް މައްސަލައަކާއި ގުޅިގެން ހަ މަހަށް ފަރުވާ ހޯއްދެވުމަށް ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅެވެ.
މާޗު މަހުގެ ދެވަނަ ދުވަހު މަހްލޫފް އަނެއްކާވެސް ޑޮކްޓަރަށް ދެއްކުމަށް ބެންގަލޫރުން މަހްލޫފް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް ނަޒްރާ ބުނި ކަމަށް ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.
އަދި ކޮންމެ މަހަކުވެސް ފަރުވާ އަށްޓަކައި މަދުވެގެން ތިން އިންޖެކްޝަން މަހްލޫފްގެ ގަޔަށް ޖަހަން ޖެހޭ ކަމަށްވެސް ނަޒްރާ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިރުކުރުމުގެ އެއް މައްސަލަ ސާބިތުވެ، އެ މައްސަލާގައި ހަ މަހަށް އަދި އަނެއް މައްސަލާގައި ހަތަރު މަހަށް މަހްލޫފް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. އެކަން ހައި ކޯޓްގައި އިސްތިއުނާފް ކޮށްފައި ވީނަމަވެސް، މަހްލޫފްގެ މައްޗަށް ކުރެވުނު ޙުކުމްތައް ތަންފީޒް ކޮށް ނިމޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.