Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

މުހުތާޒު އޭޑީކޭގައި އެޑްމިޓްކޮށްފި

ކުރީގެ ޕީޖީ މުހުތާޒު މުހުސިން ކަރެކްޝަންސްގެ ވެހިކަލަށް އަރުވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

މުހުތާޒް އެޑްމިޓް ކޮށްފައި ވަނީ މައިބަދައިގެ މައްސަލައެއްގައި ޖަހަން ޖެހޭ އިންޖެކްޝަނެއް ޖެހުމަށް ވަގުތީ ގޮތުން ކަމަށް ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ލުގްމާން އާއި ހަވާލާދީ ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.

މުހުތާޒު ވަނީ ޤާނޫނާއި ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހައްޔަރު ކުރަން އުޅުނުކަން ސާބިތުވުމުން 17 އަހަރަށް ޖަލަށް ލާފައެވެ.

ކްރިމިނަލް ކޯޓްގައި ބޭއްވި ޝަރީޢަތުގައި މުހުތާޒު ވަނީ އޭނާގެ ސިއްޙީ ޙާލަތު ވަރަށް ބޮޑަށް ގޯސް ކަމަށް ވިދާޅުވެފައެވެ. އަދި ހައި ކޯޓުން ކޮށްފައިވާ ޙުކުމްގައި އަންގާފައިވާ ގޮތަށް އޭނާގެ ބޭސްފަރުވާގެ ކަންތައްތައް ކުރިއަށް ނުދާ ކަމަށްވެސް މުހުތާޒް ވިދާޅުވިއެވެ.

6 ފެބްރުއަރީ 2015 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މާލެއިން ފުރައިގެން މާމިގިއްޔަށް ގޮސް، އެ ރަށު ގާޒީ އަހްމަދު ނިހާން އާއި ބައްދަލުކޮށް، އެ ރަށު ކޯޓް ހުޅުވައިގެން ތިބެ ރައީސް ޔާމީން ހައްޔަރު ކުރަން ސައްޙާ ނޫން ކޯޓް އަމުރެއް ތައްޔާރު ކުރަން މަސައްކަތް ކޮށްފައިވާ ކަން ޝަރީޢަތުން ވަނީ މުހުތާޒްގެ މައްޗަށް ސާބިތުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.