Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ހަނދު ވަށައި ބުރެއް ޖަހަން ފައިސާ ދައްކައިފި

ފޮޓޯ: އޭއެފްޕީ

ދެ ރައްޔިތުން ހަނދު ވަށައި ބުރެއް ޖެހުމަށްޓަކައި ފައިސާ ދައްކައިފި ކަމަށް އެމެރިކާގެ އަމިއްލަ ރޮކެޓް ކުންފުންޏެއް ކަމަށްވާ 'ސްޕޭސް އެކްސް' އިން ބުނެފިއެވެ.

އަންނަ 2018 ވަނަ އަހަރުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މިޝަން އާއި ބެހޭގޮތުން ވާހަކަ ދައްކަމުން 'ސްޕޭސް އެކްސް' ގެ ސީއީއޯ އެލަން މަސްކް ވިދާޅުވީ އެ ދެ ފަތުރުވެރިން ވަނީ ޑިޕޮސިޓް އަށް ފައިސާ ދައްކާފައި ކަމަށެވެ.

"މިއީ 45 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންސާނުންނަށް ޖައްވަށް އެނބުރި ދިއުމަށް ލިބިދޭ ފުރުސަތެއް"، އޭނާ ވިދާޅުވިއެވެ.

ޑިޕޮސިޓަށް ފައިސާ ދައްކާފައިވާ ދެ ފަތުރުވެރިން ޖައްވަށް ދިއުމަށް ހަމަޖެހިފައި ވަނީ ޚާއްސަ ސްޕޭސްޝިޕް އެއްގައެވެ. އެ ސްޕޭސްޝިޕްގެ ފުރަތަމަ ޓެސްޓް ފްލައިޓް އޮންނާނީ މިއަހަރުގެ ފަހުކޮޅުއެވެ.

މަސްކް ވިދާޅުވީ މިކަން ހަޤީގަތަކަށް ވެފައިވަނީ އެމެރިކާގެ ނާސާގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ ދެ ފަތުރުވެރިން ސޯލާ ސިސްޓަމް އަށް ދަތުރު ކުރާނީ މީގެ ކުރިން އެއްވެސް އިންސާނަކު ގައްވަށް ގޮސްފައިވާ ބާރު މިނަށްވުރެ އަވަހަށް ކަމަށެވެ.

އެ ދެ ފަތުރުވެރިންނަކީ ކޮބައިކަން މަސްކް ހާމަ ކޮށްފައި ނުވިނަމަވެސް، އޭނާ ބުނީ އެއީ ހޮލީވުޑްގެ ތަރިންތަކެއް ނޫން ކަމަށެވެ.

އެކަމަށްޓަކައި ބޭނުންވާ ސިއްޙީ ޓެސްޓްތަކާއި ފުރަތަމަ ޓްރެއިނިން މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ސްޕޭސްޝިޕްގެ އެންމެ ފުރަތަމަ ޓެސްޓް ފްލައިޓް އޮންނާނީ އެއްވެސް އިންސާނަކާއި ނުލައެވެ. ދެވަނަ ޓެސްޓް ފްލައިޓްގައި ފަޅުވެރިން ބައިވެރިވާނެއެވެ. އަދި އެ ފްލައިޓް އޮންނާނީ 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައެވެ.

މިކަމުގައި ނުރައްކާތަކެއް ވާކަން ފުރަތަމަ ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، ރިސްކް ނައްތާލުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް މަސްކް ވިދާޅުވިއެވެ.

ޖައްވު ފަތުރުވެރިން ހަނދު ވަށައި ބުރެއް ޖެހުމަށްފަހު އެއަށްވުރެ ދުރަށް ދާނެއެވެ. އެހެންނަމަވެސް އެ މިޝަންގައި ހަނދުގައި ސްޕޭސްޝިޕް ނުޖައްސާނެއެވެ.

1970 ގެ އަހަރުތަކަށް ފަހު އެމެރިކާ އިން އެސްޓްރޮނައުޓުން ޖައްވަށް ފޮނުވާފައެއް ނުވެއެވެ.