Last Updated: June 30, 14:08
Tuesday, June 30, 2026
މުނިފޫހިފިލުވުން

ރާނީގެ އެނބުރި އައުމަށް "ހިޗްކީ"

ދެހާސް ސާދަ ވަނަ އަހަރު "މަރްދާނީ" ގައި އަންހެން ޕޮލިސް އޮފިސަރެއް ރޯލް ކުޅުމަށްފަހު މަންމައަކަށް ވުމުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރަނީ މުކެރްޖީ ވަނީ ފިލްމް އިންޑަސްޓްރީ އާއި ދުރަށް ޖެހިލާފައެވެ.

އެހެންނަމަވެސް، "ހިޗްކީ" ނަމަކަށް ކިޔާ ފިލްމަކާއި އެކު ރާނީ އަނެއްކާވެސް ބޮޑު ސްކްރީނަށް އަންނަނީ އެވެ.

ސިދާތު ޕީ މަލްހޯތުރާ ޑައިރެކްޓް ކޮށް މަނީޝް ޝަރްމާ ޕްރޮޑިއުސް ކުރާ މިފިލް ރިލީޒް ކުރެވޭނީ ޔަޝް ރާޖް ފިލްމްސްގެ ބެނާގެ ދަށުންނެވެ. އެފިލްމް ގައި ރާނީ ފެނިގެންދާނީ ވަރަށް ކުޅަދާނަ، ވަރުގަދަ އަންހެނެއްގެ ރޯލުންނެވެ.

އެފިލްމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ރާނީ ބުނީ ކޮންމެ މީހެއްގެ ގައިގައިވެސް ނުކުޅެދުންތެރިކަމެއް ހުރެދާނެ ކަމަށާއި، އެހެން ނަމަވެސް ބޭނުންނަމަ އެ ބަލިކަށިކަމަކީ ތިމާގެ ވަރުގަދަކަން ކަމަށް ހެދިދާނެ ކަމަށެވެ. އަދި ހިޗްކީ އަކީ އެފަދަ ވާހަކައެއް ދައްކުވައިދޭ ފިލްމެއް ކަމަށްވެސް ރާނީ ބުނެއެވެ.

ރާނީ ކައިވެނި ކޮށްގެން އުޅެނީ ޔަޝް ރާޖް ފިލްމްސް ގެ ބޮޑު މީހާ ކަމަށްވާ އަދިތްޔާ ޗޯޕްރާ އާއި އެވެ. އެ ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅަށް ކިޔަނީ އަދީރާ އެވެ.

"ދަމް ލަގާ ކޭ ހައިޝާ" އާއި "މޭރީ ޕްޔާރީ ބިންދޫ" އަށްފަހު ހިޗްކީ ވެގެން ދާނީ ޕްރޮޑިއުސާ ޝަރްމާ ޔަޝް ރާޖް ފިލްމްސް އާ އެކު އުފައްދާ ތިން ވަނަ ފިލްމަށެވެ.