Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

މަރުވި މީހެއްގެ މަރުގެ ދިޔަ ދޭން ހުކުމްކޮށްފި

ޏ.ފުވައްމުލަކުގައި މީގެ ހަތަރު އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި މަރުވެދިޔަ މީހާގެ މަރުގެ ދިޔައިގެ ގޮތުގައި އެއް ލައްކަ ދިވެހި ރުފިޔާ ދިނުމަށް އެކްސިޑެންޓުގައި ދެން އަނިޔާވި ކުއްޖާއަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޖުވެނައިލް ކޯޓުން ކުރި ހުކުމުގައި ދައުވާ ލިބޭ ކުއްޖާއާއި އިތުރު ކުއްޖަކާ ދެމީހުން އޮގަސްޓް 2013 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ނައިބު ތުއްތު މަގުން މިސްކިތްމަގު އަވަށާވީކޮޅުން ދޫޑިގަން އަވަށާދިމާލަށް ބާރު ސްޕީޑުގައި ދަނިކޮށް އެވަގުތު މަގުން ދިޔަ ސައިކަލުގައި ޖެހި އެކްސިޑެންޓުވެ އެސައިކަލު ދުއްވަން އިން އެ ރަށު ދަޑިމަގު އަތަ މުހައްމަދު ޝުޖާއު ވަނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާކުރަމުން ދަނިކޮށް ނިޔާވެފައެވެ.

އަދި މިއެކްސިޑެންޓުގައި ރުވި ޝުޖާއު ސައިކަލް ދުއްވީ މަޑުން ކަމަށެވެ. މަގުގެ އަނެއްފަޅިއަށް އެޅުމުގެ ކުރިން ޝުޖާއު ސިގުނަލް ދީފައިނުވާ ކަމަށް މަންޒަރު ފެނުނު މީހެއްގެ ހެކިބަހުން އެނގެން އޮތް ނަމަވެސް، އެ އެކްސިޑެންޓު ހިނގާފައި ވަނީ މަގަށް ދޭންވާ ސަމާލުކަން ނުދީ ދައުވާ ލިބޭ ކުއްޖާ ބާރު ސްޕީޑުގައި ސައިކަލް ދުއްވުމުގެ ސަބަބުންކަން ޝަރިއަތަށް ސާބިތުވާ ކަމަށް އެ ހުކުމްގައިވެ އެވެ. އަދި ދައުވާ ލިބޭ ފަރާތުން ސައިކަލު ދުއްވާފައިވަނީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތި ކަމަށްވެސް ކޯޓުން ކުރި ހުކުމުގައިވެއެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ގާނޫނާއި ޚިލާފަށް މަގަށް ދޭން ޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުން ކަމަށް ޝަރީއަތުން ދެކޭ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އެހެންކަމުން އެކްސިޑެންޓުގެ ފުރިހަމަ ޒިންމާ ދައުވާ ލިބޭ ފަރާތުން ނަގަން ޖެހޭ ކަމަށާއި ދައުވާ ލިބޭ ފަރާތުން ގާނޫނާއި ޚިލާފުނުވި ނަމަ އެކްސިޑެންޓު ހިނގަން މެދުވެރި ނުވާނެ ކަމަށް ހުކުމްގައިވެއެވެ.

އެކްސިޑެންޓުގައި މަރުވި ޝުޖާއުގެ މަރުގެ ދިޔައިގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ތިން އަހަރު ދުވަހުގެ ތެރޭގައި ޝުޖާއުގެ ވާރިސުންނަށް ލިބޭ ގޮތަށް އެފައިސާ ފެމިލީ ކޯޓަށް ދައްކައި ޚަލާސް ކުރަން ޖުވެނައިލް ކޯޓުން ވަނީ ދައުވާ ލިބޭ ފަރާތަށް އަމުރުކޮށްފައެވެ. އަދި ކުށުގެ ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދި ޝުޖާއު ދުއްވި ސައިކަލުގެ ބަދަލު ހޯދުމުގެ ހައްގުވެސް ވެރިފަރާތަށް ލިބިދޭ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.