ފ.އަތޮޅު ނުވަތަ ރާއްޖޭގެ އެއްވެސް ބަޔެއް ބޭރުގެ ބަޔަކަށް ވިއްކާލުމަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ތާއީދެއް ނޫން ކަމަށް އެޕާޓީއިން ބުނެފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ނޫސް ބަޔާނެއްގައި ރަށްތައް ވިއްކުމަށް އެމްޑީޕީއިން ތާއީދު ނޫން ކަމަށް ބުނެފައިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން ފ.އަތޮޅުގެ ތަރައްގީގެ މަޝްރޫއުތަކަށް ތާއީދުކޮށް ވާހަކަ ދައްކާފައިވަނިކޮށެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފ.އަތޮޅު ވިއްކާލުމުގެ އަޑުތައް ގަދަވެފައިވާ މިދަނޑިވަޅުގައި ސަރުކާރުން އެކަމާއި ބެހޭގޮތުން މައުލޫމާތެއް ހާމަކޮށްފައި ނުވުމުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން މިފަދަ ބޮޑު ކަމެއް ކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށް އަޑުފެތުރުމުން އެކަމުގެ ތެދު ހަގީގަތް ހޯދުމަށް އެމްޑީޕީ މަސައްކަތް ކުރާ ކަމަށާއި ނަމަވެސް މިހާތަނަށް އޭގެ އެއްވެސް ތަފްސީލެއް ލިބިފައިނުވާ ކަމަށް އެމްޑީޕީ އިން ބުނެފައިވެއެވެ.
ނަމަވެސް ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ ފ.އަތޮޅު ވިއްކާލާކަށް ސަރުކާރުން އެއްވެސް ރޭވުމެއް ރާވާފައި ނުވާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ފ.އަތޮޅު ތަރައްގީ ކުރުމަށް ކަމަށް ބުނެފައެވެ.