Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ސަލްމާން މިސްކިތް ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގައި މިހާތަނަށް ބިނާ ކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ ކިންގް ސަލްމާން މިސްކިތް އެޅުމުގެ މަސައްކަތް ތުރުކީގެ ކުންފުންޏަކާއި ހަވާލު ކޮށްފިއެވެ.

އެގޮތުން އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއި އެވެ.

އެ މަސައްކަތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް އެއް ހުޅައެޅި ކުންފުންޏަކީ ޓާމެކްސް އަށް ވީއިރު، ހުޅުމާލޭގައި އަޅާ ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ވެސް ކުރަނީ ޓާމެކްސް ކުންފުނިންނެވެ.

ކިންގް ސަލްމާން މިސްކިތް އެޅުމުގެ މަސައްކަތް ޓާމެކްސް ކުންފުންޏާއި ހަވާލު ކޮށް ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެ މަޝްރޫޢު އަކީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ކަމަކަށްވީއިރު، އެ މިސްކިތް އެޅުމުގެ އަގަކީ 24.95 މިލިއަން ޑޮލަރެވެ.

ކިންގް ސަލްމާން މިސްކިތް އެޅުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗްގެ އުތުރަށް އޮތް ބިމުގައި ކަމަށާއި، އެތަނުގައި ހުރި ވެހިކަލްތައް ނަގައި ބިން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ހުސެއިން ވިދާޅުވި ކަމަށް ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ. މީގެ އިތުރުން އަވަސް މުސްތަޤްބަލެއްގައި އެ ސަރަޙައްދުގއި ފެންސް ޖަހައި ސައިޓް ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ހަ ފަންގިފިލާ ހިމެނޭނެ އެ މިސްކިތް ބިނާ ކުރަނީ 41،500 އަކަފޫޓްގެ ޖާގައިގެ ބިމެއްގައެވެ. އެމިސްކިތުގެ ފަންގިފިލާތަކަށް އަރައި ފޭބުމަށްޓަކައި ހަތަރު ލިފްޓް ހުންނާނެއެވެ. މީގެ އިތުރުން މިސްކިތަށް ވަންނަ މީހުންގެ ވެހިކަލްތައް ޕާކް ކުރުމަށްޓަކައި 44،100 އަކަ ފޫޓްގެ ޖާގައިގެ ޕާކިން ޒޯނެއްވެސް އޮންނާނެއެވެ.

އެ މިސްކިތުގައި އޮޑިޓޯރިއަމް އެއްގެ އިތުރުން މަލްޓި ޕާޕަސް ހޯލަކާއި، ޤުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ ލައިބްރަރީ އަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައްވެސް ޤާއިމް ކުރެވޭނެ ކަމަށް ފަޒާލް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު މިސްކިތަށް ވާނެ އެ މިސްކިތުގައި ޖުމްލަ 10،000 މީހުންނަށް އެއްފަހަރާ ޖަމާޢަތް ހަދައިގެން ނަމާދު ކުރެވޭނެ ޖާގަ އޮންނާނެއެވެ.