Last Updated: June 30, 14:08
Tuesday, June 30, 2026
މުނިފޫހިފިލުވުން

ޓައްޕޫ ސިލްސިލާ ދޫކޮށްލައިފި

Bhavya Gandhi

ރާއްޖޭގެ ގިނަ ބައެއްގެ ތެރޭގައި ވެސް މަޤްބޫލްކަން ހޯދާފައިވާ ހިންދީ ކޮމެޑީ ޑްރާމާ ސީރީސް ކަމަށްވާ "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ" ގައި ޓައްޕޫގެ ރޯލް އަދާ ކުރާ އެކްޓަރު ބާވްޔާ ގާންދީ އެ ޝޯއިން ވަކިވާން ނިންމައިފިއެވެ.

އަށް އަހަރަށްވުރެ ގިނަ ދުވަސްވަންދެން އެ ޝޯގައި ޓައްޕޫގެ ރޯލް އަދާ ކުރުމަށްފަހު ބާވްޔާ ގާންދީ ވަނީ އެޝޯއަށް އަލްވަދާއު ކިޔާފައެވެ.

އެ ޝޯއިން އެންމެ ފުރަތަމަ ކުޑަ ކުއްޖެއްގެ ގޮތުގައި ފެނިގެން ދިޔަ ބާވްޔާ ވަނީ ޓައްޕޫ އާއި އެއްވަރަށް ބޮޑުވެފައެވެ. އެ ޑްރާމާގައި ފެނިގެންދާ ގޮތުގައި ޓައްޕޫ އަކީ ވަރަށް މަޖާ ހަލަބޮލި ކުއްޖެކެވެ. އަދި ބާވްޔާ ގާންދީ ވަނީ އެ ރޯލް ވަރަށް އިންސާފްވެރި ކަމާއިއެކު ފުރިހަމަ ކޮށްފައެވެ.

އެ ޝޯ ޓީވީތަކަށް އައި ފުރަތަމަ އަހަރު ނިމުނުއިރު ޓައްޕޫ ވަނީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައެވެ. ވަރަށް ހަލަބޮލި ކުޑަކުއްޖަކުން ޒިންމާދާރު ފުރާވަރުގެ ޒުވާނަކަށް ޓައްޕޫ ބަދަލުވެގެން ދިޔަ ތަން އެ ޑްރާމާ އިން ވަނީ ފެނިފައެވެ. ބާވްޔާގެ ކެރެކްޓާ ވެސް ޓައްޕޫ އާއިއެކު ކުރިއަރައިގެން ގޮސް، ބާވްޔާ ވެފައި ވަނީ އެ ޑްރާމާގެ މައިގަނޑު އެކަކަށެވެ.

އެހެންނަމަވެސް، ބާވްޔާ ވަނީ މިހާރު އެ ޝޯއިން ވަކިވެފައެވެ. ބާވްޔާގެ މަންމަ ވަނީ އެޚަބަރު ކަށަވަރު ކޮށްދީފައެވެ.