Last Updated: April 20, 17:52
Saturday, April 20, 2024
ރިޕޯޓް

އީސީސީގައި ހަދާ ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިފައި

ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް އިމާރާތް ކުރުމަށް އެލިޔާ ކޮންސްޓްރަކްޝަން އާއި ހަވާލުކުރި މަސައްކަތް މަޑުޖެހިއްޖެއެވެ.

161 މިލިއަން ރުފިޔާއަށް 18 މަސް ދުވަހުގެ ތެރޭގައި އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ސަރުކާރުން އެލިއާ އާއި ހަވާލުކޮށްފައިވަނީ 14 ނޮވެމްބަރ 2016 ގައެވެ.

"އައްޑޫލައިވް"އަށް މައުލޫމާތުލިބިފައިވާ ގޮތުގައި މަސައްކަތް މެދުކެޑިފައިވަނީ ހޮސްޕިޓަލްގެ ޑިޒައިނަށް އިތުރު ބަދަލުތަކެއް ގެންނާތީއެވެ. އެކަމާއި ގުޅިގެން ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށް މައުލޫމާތުލިބެއެވެ.

ހޮސްޕިޓަލް ހެދުމަށް އެލިއާ އާއި ހަވާލުކުރި ފަހުން 4 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާ އިރު މަސައްކަތް ނުފެށި ލަސްވަމުންދާ މައްސަލާގައި އެލިއާގެ ފަރާތުން މީޑިއާއަށް އެއްވެސް ވާހަކައެއް ހިއްސާ ކުރާކަމަށް އެކުންފުނިން ބޭނުންނުވިއެވެ. އެލިއާއިން ބުނީ އެކަމުގައި ހައުސިން މިނިސްޓްރީގެ ބަހެއް ހޯދުމަށެވެ.

އީސީސީއާއި ހަވާލުވުމަށް އެލިއާ ކޮންސްޓްރަކްޝަންގެ ވެރިން އައްޑޫއަށް ވަޑައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ޕްލޭން ތައްޔާރުކޮށް ބައެއް މަސައްކަތަށް އައްޑޫން ކޮންސްޓަރަކްޝަން ގްރޫޕްތައް ހޯދައި އެފަރާތްތަކާއި ވަނީ ބައްދަލުކޮށްފައެވެ. އަދި ތަނުގެ ސެކިއުރިޓީ ބަލަހައްޓައި މަސައްކަތް ކުރުމަށް ގެނައި ބިދޭސީ ލޭބަރުން ވަނީ އީސީސީގައި ބައިތިއްބާފައެވެ.

އީސީސީ ހޮސްޕިޓަލްގެ މަސައްކަތް ގޮސްފައިވާ ހިސާބާއި އެތަނުގެ މަސައްކަތް ނުފެށި ލަސްވަމުންދާ މައްސަލަ އާއި ގުޅިގެން ހައުސިން މިނިސްޓަރގެ ބަހެއް ހޯދާލުމަށް މިނިސްޓަރއަށް ގުޅުއްވުމުން މީޓިންއެއްގައި ހުންނަވާތީ ފޯނުވަނީ ބިޒީކޮށްފައެވެ. އަދި މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފަޒާލްއަށް ގުޅުމުން ހަބަރެއް ބަލާލުމަށްފަހު އިއްޔެ މެންދުރު 2 ޖެހުމުގެ ކުރިން ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެ ފަހުން ތަކުރާރުކޮށް ގުޅުމުންވެސް ފޯނު ނުނަންގަވާތީ ޖަވާބެއްވަނީ ލިބޭ ގޮތް ނުވެފައެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އެލިއާ އާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލު އެޅުމަށް އާ އިމާރާތެއް ކުރާ ނަމަ އެވަރުގެ ހޮސްޕިޓަލެއް އެޅުމަށް ދާ ހަރަދު ދެގުނަ އަށް ބޮޑުވެގެން ދާނެ ކަމަށެވެ.

އެހެންކަމުން އެ ތަނަކީ އެކަމަށް އެކަށޭނަ ތަނެއްތޯ ބެލުމަށް އިންޖިނީރިން އެސެސްމެންޓެއް ހަދާފައިވާނެ ކަމަށާއި، އެ އެސެސްމެންޓްތަކުގެ ރިޕޯޓުތަކުން އެއްވެސް މައްސަލައެއް ފެނިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައިވާއިރު އީސީސީގެ މަސައްކަތް މިހާރު ދަނީ "މުސްކުޅި ސާރިދޯޅީ"ގެ ސްޕީޑްގައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އީސީސީ ހޮސްޕިޓަލަކަށް ބަދަލުކޮށް އަންނަ އަހަރު ކުރީ ކޮޅު ހުޅުވިގެންދާނެކަމަށެވެ.

އައްޑޫގެ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ހޮސްޕިޓަލް އިމާރާތް ކުރަން އޮތް ބިން ދޫކޮށްލައި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމި ހިސާބުން ކޮންމެ ދުވަހކުވެސް އެތައް ބަޔަކު އީސީސީ ސަރަހައްދަށް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ވަރު ބަލަންދެއެވެ. ނަމަވެސް މަސައްކަތެއް ކުރިއަށްދާ ތަން ނުފެންނާތީ ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ.