މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯގެ މަގާމުން މުހައްމަދު ޖުނައިދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަގާމަށް އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި އަބްދުލް ރައްޒާގު ހަލީމް ހަމަޖައްސަވައިފިއެވެ.
ޖުނައިދު ރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަށް ފަހު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ވިޔަފާރިއަށް ވަގުތު ދެއްވުމަށްކަމަށެވެ.
ޖުނައިދު ރޭ އިސްތިއުފާ ދެއްވި އިރު ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ރިޔާޒު ރަޝީދުގެ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ތެޔޮ ސަޕްލައި ކުރުމުގައި ޖެހުނު މައްސަލައެއް ވަނީ ސިވިލް ކޯޓަށް ހުށަހެޅިފައެވެ. އަދި ޓަގް ބޯޓެއްގެ މައްސަލާގައި ގާނޫނީ ވަކީލަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިން މައްސަލައަކާއި ބާ ދޯންޏެއް އަގުބޮޑުކޮށް ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ޖުނައިދު ވިދާޅުވީ ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއްކޮށްފައި ނުވާނެކަމަށެވެ. ސީއީއޯކަމުން ޖުނައިދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އައްޑޫގެ ޕީޕީއެމް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.