ފ. އަތޮޅު ވިއްކާ ނުލާނެކަމަށާއި އެކަމަކީ ބަޔަކު "މޭ ކަރަން" ޖެހޭ ވަރުގެ ކަމެއް ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތުމަށް ޓަކައި ދަރުބާރުގޭގައި ކުރިއަށް ގެންދާ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފ. އަތޮޅު ވިއްކާލުމުގެ ޕްލޭނެއް ނެތް ކަމަށާއި ނަމަވެސް އެތަނުގައި 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް އަންނަ ކަމަށެވެ.
ސައުދީން ހިންގާ މަޝްރޫއު އާއި ގުޅޭ ގޮތުން މާގިނަ ވާހަކަތެއް ސަރުކާރުން ނުދައްކަވާތީ ރައްޔިތުން ކަންބޮޑުވެފައި ވަނިކޮށް ރައީސް ޔާމީން ވިދާޅުވީ މިއީ މިހާތަނަށް ރާއްޖެ ނާންނަ ވަރުގެ ބިޔަ ޕްރޮޖެކްޓެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ފ. އަތޮޅަށް 10 ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން އުފައްދާ މަޝްރޫއުން ރާއްޖެ ދުނިޔޭގެ ޗާޓުން ފަވާލެވިގެންދާނެކަމަށެވެ. ނަމަވެސް މިވަގުތު މަޝްރޫއުގެ ތަފްސީލް ހާމަކުރެވެން ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެވާހަކަ މިހާރު ނުދައްކަވަނީ އެމަޝްރޫއު ސިޔާސީ ވެދާނެތީކަމަށެވެ.
ފ. އަތޮޅުގައި ސައުދީން ހިންގަން އުޅޭ މަޝްރޫއާއި ގުޅޭ އެއްވެސް ވާހަކައެއް މިހާތަނަށް ސަރުކާރުން ރަސްމީކޮށް ދައްކާފައި ނުވެއެވެ. އެހެންވެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.