Last Updated: May 14, 20:54
Wednesday, May 14, 2025
ސިޔާސީ

ރިޔާސަތުން މަސީހު ބާލުވައި ފައްޔާޒު "ރިޔާސަތަށް"

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބާލުވައި ރިޔާސަތުގެ ގޮނޑިކޮޅު މެމްބަރު ފައްޔާޒް "ހައިޖެކް" ކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒް ރިޔާސަތު "ހައިޖެކް" ކުރެއްވީ އެބޭފުޅާ އިމްޕޯޓް އެކްސްޕޯޓް ބިލަށް ހުށައެޅުއްވި އިސްލާހު ރިޔާސަތުން ބަލައިނުގަތުމުންނެވެ.

މެމްބަރު ފައްޔާޒް ހުށައަޅާފައިވަނީ އިމްޕޯޓް އެކްސްޕޯޓް ބިލުން ޑިއުޓީ ބޮޑުކުރުމުން ޑިއުޓީގެ %5 އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކަށް ހޭދަ ކުރުމަށެވެ. އިސްލާހު ބަލައިނުގަތް ސަބަބެއް ހާމަނުކޮށް މަޖިލީހުގެ ރައީސް ވަނީ އިސްލާހު ބަލައިނުގެންފައެވެ.

މިކަމާއި ރުޅިދުރުވެގެން މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅުގައި ފައްޔާޒް ވަނީ އިށީނދެވަޑައިގެންފައެވެ. ފައްޔާޒް ގޮނޑިކޮޅު "ހައިޖެކް" ކުރުމުން މަޖިލީހުގެ ރައީސް ޖަލްސާ ކުރިއަށް ގެންދަވަނީ ވަޒީރުން މަޖިލީހުގައި ހާޒިރުވެ އިށީންނަވާ ގޮނޑިކޮޅުގައެވެ.

ފައްޔާޒް މިގޮތަށް އަމަލު ކުރުމުންވެސް ރިޔާސަތުން އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ. މަޖިލީހުގެ ތަޅުމުގައި މެމްބަރަކު ގަވާއިދާއި ޚިލާފު ވާނަމަ މަޖިލީހުގެ ރައީސަށް އެމެމްބަރުގެ ނަން އިއްވައި، ބާރުގެ ބޭނުން ކުރައްވައިގެންވެސް މެމްބަރު މަޖިލީހުގެ ތަޅުމުން ބޭރުކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.