Last Updated: June 24, 10:36
Tuesday, June 24, 2025
ކުޅިވަރު

ރޮނާލްޑޯގެ ދެ ގޯލާއެކު ރެއާލް ސަލާމަތްކޮށް ދީފި

ރޭ ސްޕެނިޝް ލަލީގާ ގައި ރިއަލް މެޑްރިޑް އަދި ލަސް ޕަލަމާސް ބައްދަލުކުރި މެޗު ރޮނާލްޑޯގެ އެހީތެރިކަމާއެކު 3-3 އިން އެއްވަރުވެ ރިއަލް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

މެޗުގެ 8 ވަނަ މިނެޓުގައި އިސްކޯ ނަގައިދިން ލީޑު ޕަލަމަސް އިން އެއްވަރުކޮށްފައިވަނީ އެންމެ ދެ މިނެޓު ފަހުންނެވެ. މެޗުގެ ކުރީކޮޅު ފެނިގެން ދިޔަ ދެގޯލަށް ފަހު ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ އަނިޔާގެ ސަބަބުން ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ދާދި ފަހުން އެނބުރި އައި ގެރެތް ބޭލް ވަނީ ރަތް ކާޑެއް ހޯދާފައެވެ. ބޭލް ނެތުމާއި ގުޅިގެން 10 ކުޅުންތެރިންނާއެކު ކުޅުނު ރިއަލްއަށް ބޮޑެތި ދަތިތަކެއް ކުރިމަތި ވެގެން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން ޕަލަމަސް އިން ވަނީ ކައިރި ކައިރީގައި ރިއަލްގެ ގޯލު ދެފަހަރު މަތިން ފޫއަޅުވާލާފައެވެ. 56 ވަނަ މިނެޓުގައި ވިއޭރާ ނަގައި ދިން ލީޑަށްފަހު 59 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދީފައިވަނީ ކެވިން ޕްރިންސް ބޯޓެންގެވެ.

ރިއަލް އަށް ހޯމްގައި ކުޅުނު މިމެޗުން ލަދުވެތިކަމަކުން ސަލާމަތް ކޮށްދީފައިވަނީ ރޮނާލްޑޯ 86 ވަނަ މިނެޓު ކާމިޔާބުކުރި ޕެނަލްޓީއަކާއި މެޗުގެ ފަހު މިނެޓުގައި ޖެހި ގޯލަކުންނެވެ.

ނަމަވެސް ރިއަލްއަށް ޕޮއިންޓު ތާވަލުގައި ބާސާގެ މައްޗަށް ރޭ މޮޅެއް ނުލިބުމުން ކުރި ހޯދިފައި ނުވެއެވެ. ބާސާ އިން ވަނީ ރޭގައި ސްޕޯޓިން ގިޖޮން 1-6 އިން ބަލިކޮށްފައެވެ. ރިއަލްއަށް ރޭގެ މެޗުން ތިން ޕޮއިންޓު ނުލިބުމުން ބާސާ ވަނީ ތާވަލުގައި ރިއަލްގެ ކުރީގައި އެއް ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ. ނަމަވެސް ރިއަލްއަށް އަދިވެސް ލީގު ހޯދުމުގެ ފުރުސަތު ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެފައިވާތީ ބޮޑެވެ.