Last Updated: June 27, 07:05
Saturday, June 27, 2026
ޚަބަރު

"އިއްޒަތްތެރިންނަށް ހުރަސް އަޅަން ޖާގައެއް ނުދޭނެ"

މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ

މިމަހުގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ސައޫދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު އަދި އެހެނިހެން އިއްޒަތްތެރި ވެރިންގެ ސިޔާދަތާއި އެބޭފުޅުންގެ ޝަރަފާއި އިއްޒަތަށް އުނިކަން ލިބޭފަދަ އަމަލު ހިންގުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ ކަމަކަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި މިފަދަ އަމަލެއް ކުރުމަށް ޖާގައެއް ނުދޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެފަދަ އަމަލެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކާއި މެދުގައި ފިޔަވަޅު އަޅާނޭ ކަމަށްވެސް މިބަޔާނުގައިވެއެވެ.

ފުލުހުން ވަނީ މިބަޔާނާއި އެއްގޮތަށް ރޭ އެމްޑީޕީގެ ހަރުގެއަށް ކޯޓު އަމުރެއްގެ ދަށުން ވަދެ އެތަން ފާސްކޮށްފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ރާއްޖެއަށް އަންނަ އިއްޒަތްތެރިންގެ ސިޔާދަތާއި ޝަރަފާއި އިއްޒަތަށް ގެއްލުން ލިބިދޭ ފަދަ އަމަލު ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ 10 ގަޑި އިރަށް ހަރުގެ ފާސްކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ގާތްގަނޑަކަށް ދެ ގަޑިއިރު ހަރުގެ ފާސްކުރުމުގައި ހޭދަކޮށްފައިވާއިރު ހަރުގެއިން ގެންގޮސްފައިވަނީ ކަޅު ކޮތަޅަކާއި ފޮތި ރޯލުތަކެއް ކަމަށް އެމްޑީޕީ އިން މައުލޫމާތު ދީފައިވެއެވެ. މިތަކެތި ގެންދިޔަ ސަބަބެއް ސާފުވެގެން ގޮސްފައެއް ނުވެއެވެ.

ސައޫދީ ރަސްގެފާނު ވަނީ އޭޝިޔާއަށް ކުރަމުންދާ ދަތުރުގައި މިހާރު އިންޑޮނީޝިއާ އަށް ވަޑައިގެންފައެވެ.