ސިފައިންނާއި ފުލުހުންނަށް ވޯޓް ނުލެވޭ ގޮތަށް، ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު ނުލިބޭނެ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު އޮތީ ސިފައިންނާއި ފުލުހުންނަށް ވޯޓު ލެވޭ ގޮތަށް އޮތުމަށް ކަމަށާއި އެ ހައްގު ނިގުޅައިގަންނަން އިސްލާހެއް ފާސްކުރަން ދަތި ވާނެ ކަމަށެވެ.
ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މި އަހަރު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ. ޝަރީފްގެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި އިދިކޮޅު އެމްޑީޕީ އިން ވެސް ބުނެފައި ވަނީ ސިފައިންނަށް ލިބިފައިވާ ވޯޓު ދިނުމުގެ ހައްގު ނިގުޅައިގަނެފި ނަމަ އެ ހައްގު ހޯދައިދޭން އިހްތިޖާޖުކުރާނެ ކަމަށެވެ.