ހިތަދޫގެ އިތުރުން އައްޑޫއަށް ނިސްބަތްވާ ގިނަ ބައެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ، ވިޔަފާރިވެރިޔާ އަލީ އަބްދުﷲ މަރާލިތާ މިއަދަށް 1 އަހަރު ވީއެވެ. ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އަދިވެސް ހަމަ އެގޮތުގައި އެބަ އޮތެވެ.
އަލީ އަބްދުﷲގެ މަރުގެ މައްސަލައިގެ އިންސާފު ހޯދައިދިނުމަށް އެދި އައްޑޫއަށް ނިސްބަތްވާ ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރިއެވެ. މިއަދު އަނެއްކާ ވެސް މަގުމައްޗަށް ނިކުމެ ރައްޔިތުންގެ ތެރެއިން ބަޔަކު އަލީއަށް އިންސާފު ހޯދައިދިނުމަށް ސަރުކާރަށް ގޮވައި ނުލިޔަސް، އަލީ މަރާލި މައްސަލައިގެ ޝަރީޢަތް ކުރިއަށްދާ ގޮތުން ގިނަ ބަޔަކު ތިބީ ކަންބޮޑުވެފައެވެ.
އަލީ އަބްދުﷲ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ، ހިތަދޫ ހެޕީ ފިއުޗާ އަހުމަދު އަހްމަދް ދީދީ، 39، އާއި އިތުރު 3 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ ޝަރީޢަތް ފަށާފައިވާއިރު މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ.
އަހުމަދުގެ މައްޗަށް ކުރާ "އެނގި ހުރެ މީހަކު މެރުމުގެ" ދައުވާގެ ފުރަތަމަ އަޑުއެހުމަކަށް ވެސް ނޫސްވެރިންނަށް އަދި އާންމުންނަކަށް ވެސް ނުވަދެވެއެވެ. އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
އަލީ އަބްދުﷲ މަރާލި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ، 23 ނޮވެމްބަރ 2016 ގައެވެ.
ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ކޯޓުގައި ހިންގާ ޝަރީއަތްތައް ކުރިއަށް ގެންދަންޖެހޭނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެހެން ނަމަވެސް ވަކި ހާއްސަ ހާލަތްތަކެއްގައި ޝަރީޢަތްތެއް ނުވަތަ ޝަރީޢަަތުގެ ބައެއް ސިއްރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
އަހުމަދު އިބްރާހިމް ދީދީގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އަލީ މަރާލުމުގައި އަހުމަދު އިބްރާހިމް ދީދީ އަމަލީ ގޮތުން ބައިވެރިވިކަން ފުލުހުންގެ ތަހުގީގަށް އެނގެން އޮންނަ ކަމަށެވެ.
އަލީ މަރާލި މައްސަލައިގެ ތަހްގީގު ކުރިއަށްދާ ސްޕީޑާއި މެދު އަލީގެ އާއިލާ އާއި ގިނަ އައްޑޫ ރައްޔިތުން ތިބީ މާޔޫސްވެފައެވެ. އަލީގެ މަރުގެ މައްސަލަ އިންސާފުވެރިކަމާއި އެކު ނިމިގެންދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އެފަދަ ހަލުވި މަސައްކަތެއް މި ޝަރީއަތުގައި ނުދާކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ.