Last Updated: June 27, 07:09
Saturday, June 27, 2026
ޚަބަރު

އޮޑިޓަ ޖެނެރަލްގެ ދެކުނު އޮފީހަށް އެއް އަހަރު

އޮޑިޓާ ޖެނެރަލްސް އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ މަސައްކަތް ދެވަނަ ފަހަރަށް ފެށި، ރަސްމީ ގޮތެއްގައި ގާއިމް ކުރެވުނުތާ އެއް އަހަރު ވުން މިއަދު ފާހަގަކޮށްފި އެވެ.

އޮޑިޓާރ ޖެނެރަލް ހަސަން ޒިޔަތު ބައިވެރިވި މިހަފްލާގައި ފާއިތުވެދިޔަ އަހަރު ދެކުނު އޮފީހުން ކޮށްފައިވާ މަސައްކަތްތަކަށް އަލި އަޅުވާލާފައިވެއެވެ.
އެގޮތުން މިދިޔަ އަހަރު ދެކުނު އޮފީހަށް ރޭވުނު 50 އޮޑިޓް ރިޕޯޓުގެ އިތުރުން 2016 ވަނަ އަހަރު އަހަރީ މަސައްކަތު ޕްލޭނަށް ގެނެވުނު ބަދަލާއެކު އިތުރު 3 އޮޑިޓް ރިޕޯޓު ވަނީ އެކުލަވާލެވިފައެވެ.

މީގެތެރެއިން ދެކުނު އޮފީހުން ވަނީ 48 ރިޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ ވާހަކަފުޅުގައި ދެކުނު އޮފީހުގެ މުވައްޒިފުންގެ ހީވާގި މަސައްކަތާއެކު ކަނޑައެޅިފައިވާ ރިޕޯޓުތަކުގެ %90 އަށް ވުރެ ބޮޑު ބައި ނިންމާލެވިފައިވާވުމަކީ އެމަނިކުފާނު ފަޚުރުވެރިވާ ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޒިޔަތުގެ ވާހަކަފުޅުގައި ދެކުނުގެ ހަތަރު އަތޮޅު، ގ.އ، ގ.ދ، ޏ އަދި ސ އަތޮޅުގެ 155 ސަރުކާރު މުއައްސަސާތަކުން އޮޑިޓާ ޖެނެރަލްސް އޮފީހަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

މިހަފްލާގައި އޮޑިޓާ ޖެނެރަލްސް އޮފީހުގެ ބިއުރޯ މެނޭޖަރު އަލީ ނިޒާރު ދެއްކެވި ވާހަކަފުޅުގައި 2013 ވަނަ އަހަރާއި 2014 ކުރެވުނު އޮޑިޓްތަކާއި މިދިޔަ އަހަރު ކުރެވުނު އޮޑިޓްތަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން 2013 ވަނަ އަހަރު 56 ރިޕޯޓް ނިންމާފައިވާއިރު 2014 ވަނަ އަހަރު ޖުމުލަ 85 ރިޕޯޓު ވަނީ ނިމިފައެވެ. އަދި ނިމިގެންދިޔަ 2016 ވަނަ އަހަރު ވަނީ 172 އޮޑިޓް ރިޕޯޓް ނިމިފައި ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ.

ދެކުނު އޮފީހުން މިދިޔަ އަހަރު ޖުމުލަ 48 ރިޕޯޓު ނިންމާފައިވާއިރު 29 ލޯކަލް ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓު ނިންމާފައިވެއެވެ. މިހާތަނަށް ނުނިމިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓު އެކަންޏެވެ. ދެކުނުގެ 9 ސްކޫލުގެ ތެރެއިން 7 ސްކޫލެއްގެ އޮޑިޓް ރިޕޯޓު ނިންމާފައިވާއިރު 4 ރީޖަނަލް ހޮސްޕިޓަލުތަކުގެ ތެރެއިން 3 ހޮސްޕިޓަލެއްގެ އޮޑިޓް ރިޕޯޓު ވަނީ ނިންމާފައެވެ. އަދި ދެކުނުގެ 9 މެޖިސްޓްރޭޓް ކޯޓުގެ އޮޑިޓް ރިޕޯޓު ވަނީ ނިމިފައެވެ. ޚާއްސަ އޮޑިޓްގެ ތެރޭގައި އެއް އޮޑިޓް މިދިޔަ އަހަރު ކޮށްފައިވެއެވެ.

ކައުންސިލް ތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު ލިބުނު ފައިސާގެ އަދަދަކީ 23،120،104 ރުފިޔާއެވެ. ޚަރަދުގެ ގޮތުގައި 166،632،714 ރުފިޔާ އޮޑިޓް ރިޕޯޓް ނިމުނު 29 ކައުންސިލުން ޚަރަދުކޮށްފައިވެއެވެ. ސްކޫލްތަކުގެ ތެރެއިން އޮޑިޓް ރިޕޯޓް ނިމުނު 7 ސްކޫލަށް ވަނީ 2،767،190 ރުފިޔާ ލިބިފައެވެ. ޚަރަދުގެ ގޮތުގައި 88،071،759 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ރީޖަނަލް ހޮސްޕިޓަލުތަކުގެ ތެރެއިން އޮޑިޓް ކުރެވުނު 3 ހޮސްޕިޓަލަށް ލިބިފައިވަނީ 2،102،824 ރުފިޔާއެވެ. ޚަރަދު ކުރި ފައިސާގެ އަދަދަކީ 161،531،492 ރުފިޔާއެވެ. މެޖިސްޓްރޭޓް ކޯޓުތަކަށް ލިބުނު ފައިސާގެ އަދަދކީ 816،508 ރުފިޔާއެވެ. 50،460،265 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނިމުނު 48 އިދާރާއަށް ލިބުނު ޖުމުލަ ފައިސާއަކީ 28،806،626 ރުފިޔާއެވެ. ޚަރަދު ކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދު 466،696،230 ރުފިޔާއަށް އަރާފައިވެއެވެ.

އޮޑިޓާ ޖެނެރަލްސް އޮފީހަށް ދިމާވާ އެންމެ ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ބިއުރޯ މެނޭޖަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ އޮޑިޓާ ޖެނެރަލްސް އޮފީހުން ކުރަން ޖެހޭ މަސައްކަތަކީ އެހެން މުއައްސަސާ ތަކާއި ގުޅިގެން ކުރަން ޖެހޭ ކަންތަކަށް ވެފައި ބައެއް ފަހަރު މުއައްސަސާ ތަކުން ލިބެންވާ އެއްބާރުލުން ފުރިހަމަ ގޮތުގައި ނުލިބޭ ކަން ހިތާމައާއެކު ފާހަގަކޮށްފައިވެއެވެ. އެގޮތުން ބޭނުންވާ ޑޮކިއުމެންޓުތައް ނުލިބި ލަސްވުމާއި ރިޕޯޓުތައް ހުށައެޅުމުން ކޮމެންޓު ނުލިބި ލަސްވާކަން ފާހަގަކޮށްފައިވެއެވެ.

ޝުކުރު ދަންނަވަމުން އޮޑިޓާ ޖެނެރަލްސް އޮފީހުގެ ދެކުނު އޮފީހުގެ މެނޭޖަރު އަލީ ނަސީރު ވަނީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާދަށާއި އެސިސްޓެންޓް އޮޑިޓަރަ ޖެނެރަލް ނިއާޒްއަށް އޮފީސް ހިންގެވުމުގައި ކުރައްވާ ބުރަ މަސައްކަތަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި ބިއުރޯ މެނޭޖަރާއި ދެކުނު އޮފީހުގެ އެންމެހާ މުވައްޒިފުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން ސަރުކާރު މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށްވެސް ޚާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.