މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައިވާ ސައުތު ޑިވިޝަން އޮޕަރޭޝަން ކޮމާންޑް ފުޓްސަލް ކަޕް (އެސްއޯސީ) މުބާރާތުގައި ބައިވެރިވާ ހަތަރު ޓީމް އައްޑޫއަށް އަތުވެއްޖެއެވެ.
ޓީމްތައް އައްޑޫއަށް އައުމާއި ގުޅިގެން ސަދަން އޭރިއާ ކޮމާންޑުން ވަނީ ޓީމްތަކަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ، ރަނަރަޕް ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ކޮލިފައިވެފައިވަނީ ގއ، ދ، ފުވައްމުލައް އަދި ތ. އަތޮޅު ޕޮލިސް ސްޓޭޝަން ޓީމްއެވެ.
މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައިވަނީ މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައެވެ. މުބާރާތް ހުޅުވުމުގެ ގޮތުން މާދަމާ ހަވީރު ފުރަތަމަ ބައްދަލުކުރާނީ ދ. އަތޮޅު ޕޮލިސް ޓީމާއި ގއ ޕޮލިސް ޓީމެވެ. މާދަމާ ހަވީރު ދެވަނަ މެޗްގައި ވާދަކުރާނީ ތ. އަތޮޅު ޕޮލިސް އާއި ފުވައްމުލަކު ޕޮލިސް ޓީމެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަ ކުރުމުގެ ގޮތުން ފުޓްބޯޅަ ބޭނުންކޮށްގެން އާދަޔާހިލާފު މޮޅު ހުނަރުތަކެއް ދައްކާލައިގެން ދިވެހިންގެ ތެރޭގައި "ސްޕަމޭން" ގެ ނަމުން މަޝްހޫރު މުހައްމަދު ސައިފްގެ ކުޅަދާނަ ހަރަކާތްތަކެއް ހުށަހަޅައި ދިނުން އޮންނާނެއެވެ.