ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގައި ގައުމީ ސިފައިންނަށް ވޯޓު ލުމުގެ ހައްގުން މަހްރޫމްވެގެންދާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ ކުރަން މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
އަހަރު ތަކަކަށް މެދުކެނޑިފައި އޮތް ސިފައިންގެ ހެވިކަމުގެ މުބާރާތް ފައްޓަވާދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ޑިފެންސް މިނިސްޓަރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ސިފައިންނަށް ގާނޫނީ ގޮތުން ލިބިދޭ ވޯޓުލުމުގެ ހައްގު އުނިކުރުމަށް މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.
ޑިފެންސް މިނިސްޓަރުގެ މިވާހަކައަށް އިދިކޮޅު ފަރާތްތަކުން ވަނީ ވަގުތުން ދެކޮޅު ހަދާފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޚަބަރު އަޑުއިވިވަޑައިގެން ވަގުތުން އެގޮތަށް ކަން ކޮށްގެން ނުވާނޭ ކަމަށް ބުނެ ޓުވީޓު ކޮށްފައެވެ.
Dhivehi Sifainaki Raajje binakurumuga bodu dhaurehadhakoh,rayyithunge salamathai rakkatherikan kashavar kurameehun.Emeehunah vote levenjehey
— Mohamed Nasheed (@MohamedNasheed) March 1, 2017
ނަޝީދު ވިދާޅުވެފައިވަނީ ދިވެހި ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގައި ބޮޑު ދައުރެއް އަދާކޮށް، ރައްޔިތުންގެ ސަމާލުކަމާއި ރައްކާތެރިކަން ކަށަވަރު ކުރާ މީހުން ކަމަށެވެ. އަދި އެމީހުންނަށް ވޯޓް ލެވެން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕީޕީއެމް އިން މިކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނެފައިވަނީ މިއީ ކުރަން ވަރަށް މުހިއްމު ކަމެއް ކަމުގައެވެ. ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވަނީ މިއީ މިގައުމުގައި ބަދަލުކޮށްފައި ބާއްވަން މައްސަލައެއްގެ ގޮތުގައި އޮންނަވީ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"މިއަށް ވުރެ ބޮޑެތި މާ ވަރުގަދަ ހައްގުތަކަށް ވަކާލާތު ކުރާ ގައުމުތަކުގައި މިފަދަ ކަންކަން ހިނގާފައި އެބަހުރި،" ނިހާން ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ފަރާތުން އިތުރަށް ވާހަކަ ދައްކަވަމުން ނިހާން އިތުރަށް ވިދާޅުވެފައިވަނީ މިއީ އިންސާފު ގާއިމުކުރުމަށް ކުރެވޭ ކަމެއް ކަމަށެވެ. ސަބަބަކީ ސިފައިންނަކީ ސަރުކާރުން ފްލެޓްތަކާއި ބޮޑެތި ޚަރަދުކޮށް އެތަކެއް ލުއި ފަސޭހަތަކެއް ފޯރުކޮށްދެވޭ ބައެއް ކަމަށެވެ. އެހެންކަމުން އެބޭފުޅުން ވަކިކޮޅަކަށް ޖެހި އިންތިޚާބުގެ އިންސާފު ނެގުމަކީ އެކަށީގެންވާ ކަމަށް ދޭހަވާ ގޮތަށް ނިހާންގެ ވާހަކަ ބިނާވެގެން ގޮސްފައިވެއެވެ.