Last Updated: June 27, 07:09
Saturday, June 27, 2026
ވިޔަފާރި

އަހަރީ ފީ ނުދައްކާ އެތަކެއް ކުންފުނިތަކެއް އުވާލަނީ

ކުންފުނި ތަކުން އިކޮނޮމިކް މިނިސްޓްރީއަށް ދައްކަން ޖެހޭ އަހަރީ ފީ ނުދައްކައިގެން 6،349 ކުންފުނި އުވާލާނެ ކަމަށް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކާ 6،349 ކުންފުނި އެބަތިބި ކަމަށާއި އެކުންފުނިތައް އުވާލުމަށް ކޯޓަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

ފީ ނުދައްކާ ހުރި ކުންފުނިތަކުގެ ތަފްސީލުވެސް މިނިސްޓްރީ އިން ހާމަކޮށްފައިވާއިރު މިނިސްޓްރީ އިން ބުނެފައިވަނީ ކުންފުނި އުވާލަން ބޭނުންނުވާ ކަމުގައި ވާނަމަ އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަންނަ އެޕްރިލް މަހުގެ ދެވަނަ ދުވަހުގެ ކުރިން ދައްކައި ޚަލާސް ކުރުމަށްފަހު ރަސީދު މިނިސްޓްރީއާއި ހަވާލުކުރުމަށެވެ.

މީގެ އިތުރުން އުވާލުމަށް ކޯޓަށް ހުށައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏެއްގެ މެދުގައި ދަރަންޏެއް ނުވަތަ ދައުވާއެއް އޮތް ނަމަ އެކަން އެ މިނިސްޓްރީ އަށް އަންގަން އެ އިއުލާނުގައި އެދިފައިވެ އެވެ. އެފަދަ މައްސަލައެއް އޮތް ކަމަށް އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ނާންގައިފި ނަމަ އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް ނެތީ ކަމަށް ބެލެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.