Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ނަމަނަމަ އަމިއްލަ އަށް މަރުވާން އުޅޭ ވާހަކަ ނުދައްކާތި!

ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ ސޯޝަލް ނެޓްވޯކް، ފޭސްބުކް އިން އަމިއްލައަށް މަރުވާން އުޅޭ މީހުން ދަނެގަންނަ ފީޗާއެއް ތައާރަފްކޮށްފިއެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ މި "ސުއިސައިޑް ޕްރިވެންޝަން ފީޗާ" އިން ބޭނުންކުރާ އަލްގޮރިދަމް ފޭސްބުކްގައި ލިޔާ ސްޓޭޓަސްތަކާއި ކުރާ ކޮމެންޓުތަކުގައި އަމިއްލައަށް މަރުވާން އުޅޭ ކަމަށް ބެލެވޭ އިބާރާތްތައް ސްކޭން ކުރާނެއެވެ.

މިގޮތަށް އަމިއްލައަށް މަރުވާފަދަ ވާހަކަ ފޭސްބުކްގައި ދައްކާ ކަމަށްވާނަމަ ފޭސްބުކްގެ ހިއުމަން ރިވިއު ޓީމުން އެމީހަކާއި ވާހަކަ ދައްކައި ކައުންސެލިން ދޭނެއެވެ.

ފަހަކަށް އައިސް ފޭސްބުކްގައި ތަފާތު ޖޯކުގެ ގޮތުގައި "ކިލް މީ ނައު" ފަދަ އިބާރާތްތައް ބޭނުން ކުރާ މީހުންވަނީ ގިނަވެފައެވެ. މިގޮތަށް މަޖަލަކަށް މިފަދަ އިބާރާތްތައް ބޭނުންކުރިޔަސް ކޮމްޕިއުޓަރަށް ގިނަފަހަރު މަޖަލެއް ކަމަށް ދަނެނުގަނެވޭނެއެވެ.

މުޖުތަމައުގައި، ހާއްސަކޮށް އެމެރިކާގައި އަމިއްލައަށް މަރުވާ މީހުން ނިސްބަތުން އިތުރުވަމުންދާއިރު އެތައް ބަޔަކު ދަނީ "ކްލިނިކަލް ޑިޕްރެޝަން" އާއި ހަނގުރާމަކުރަމުންނެވެ. އެފަދަ ބޭފުޅުންނަށް ވީވަރަކުން އެހީތެރިވެ މީހާގެ ދިރިއުޅުން ކޮންމެފަދަ ގޮތަކަށްވެސް ބަދަލުވެދާނެ ކަން އަންގައި ފުރާނަ ސަލާމަތްކޮށްދިނުމަކީ ފޭސްބުކްގެ އަމާޒެވެ.

މިފީޗާ އަދި ތައާރަފް ކޮށްފައިވަނީ ހަމައެކަނި އެމެރިކާއަށެވެ. އެމެރިކާގައި ޓެސްޓުކުރެވެމުން ދާއިރު ދުނިޔޭގެ އެކިކަންކޮޅުތަކުގެ ރައްޔިތުންނާއި އެހހީތެރިވެދިނުމަށް މިފީޗާ ތައާރަފްކުރާނެ ކަމަށް ފޭސްބުކް އިން ބުނެފައިވެއެވެ.