Last Updated: June 27, 07:05
Saturday, June 27, 2026
ޚަބަރު

ނޫސްވެރިންނަށް ދިން އިންޒާރު ކުށްވެރިކޮށްފި

ފ.އަތޮޅު ނިލަންދުއަށް އިއްޔެ ދަތުރުކުރި މޯލްޑިވްސް އިންޑެޕެންޑެންޓުގެ ދެ ނޫސްވެރިޔަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލަ މޯލްޑިވްސް މީޑިޔާ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

މީޑިޔާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ މިނިވަން ނޫސްވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކަމަށާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ނިލަންދޫއަށް މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިން ގޮސްފައިވަނީ ފ.އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ބިޔަ މަޝްރޫއު" އާއި ގުޅޭގޮތުން އެއަތޮޅު ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ.

ނިލަންދުއަށް މޯލްޑިވްސް އިންޑެޕެންޑެންޓުގެ ފަރާތުން ދަތުރުކުރި ހަސަން މުހައްމަދާއި ހަސަން މޫސާއަށް އެރަށުގެ ރައްޔިތުންގެ ފަރާތުން ކަޅުތެޔޮ ޖަހާނެ ކަމަށާއި ރަށުން ފޭބުމަށް އިންޒާރުގެ ބަސްތައް އަމާޒުވެފައިވެއެވެ. ދެނޫސްވެރިން އެރަށުގައި ތިބި ގެކައިރިއަށްވެސް ބަޔަކު އެއްވެ އަޑުގަދަކުރުމުން ފުލުހުންގެ ހިމާޔަތް ނޫސްވެރިން ވަނީ ހޯދާފައެވެ.

މީގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިންނަށްވެސް އިންޒާރުގެ މެސެޖްތައް ވަނީ ފ.އަތޮޅަށް ދަތުރުކުރުމަށް ރޭވުމާއި ގުޅިގެން ލިބިފައެވެ. ނަމަވެސް ރާއްޖެ ޓީވީގެ ނޫސްވެރިން ވަނީ އިންޒާރު ދިނުމުންވެސް އެއަތޮޅަށް ދިއުމަށް ރޭވި ދަތުރާއި އެއްގޮތަށް ފ.އަތޮޅަށް ފުރާފައެވެ.

ދިވެހި މުޖުތަމައުގައި ނޫސްވެރިންނަށް ބިރު ދެއްކުމާއި ހަޖޫ ޖަހައި މަލާމާތްކޮށް ފުރައްސާރަކުރުމުގެ އިތުރުން ބިރު ދެއްކުމާއި އިންޒާރުގެ ބަސްތައްވެސް ވަނީ ފަހަކަށް އައިސް އަމާޒުވެފައެވެ. ނޫސްވެރިންނަށް ބޮޑެތި އަނިޔާތައް މާޒީގައި ދެވިފައިވާއިރު މިފަދަ އަމަލުކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅޭތަނެއް ނުފެނެއެވެ.