ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގއ. ވިލިނގިއްޔަށް ވަޑައިގަންނަވާތީ އެކަމަނާއަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ދިއުމަށް ގއ.ވިލިނގިލީ ކައުންސިލްގެ މުވައްޒަފުންނަށް އަންގައިފިއެވެ.
"ޕީޕީއެމް މައި ޖަގަހަ" އިން ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، "ދިވެހިރާއްޖޭގެ މަހާރެހެންދި" އެރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ، އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ރަށު ފާލަން ކައިރިއަށް ވަޑައިގެން ދެއްވުމަށް ކައުންސިލްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް އަންގައިދިނުމަށް އެދިފައެވެ.
ވިލިނގިލީ ކައުންސިލްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެ ރަށު ޕީޕީއެމް ޖަގަހައިން ފޮނުވި ސިޓީގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެރަށަށް ވަޑައިގަންނަވާނެ ކަމަށް ބުނެފައިވާ ތާރީހަކީ 04 ފެބްރުއަރީ 2017 ކަމަށެވެ.
" ސިޓީ ފޮނުވީ، 2 މާޗްގައި. އޭގައި މިއޮންނަނީ، 04 ފެބްރުއަރީ 2017 ގައި ދިއުމަށް އަންގާފައި. ގުޅައިގެން ސާފުކުރީމަ މި ބުނަނީ މާޗް 4 ގައޭ."
ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް ވިލިނގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ.