ކޯޓު އަމުރެއްގެ ދަށުން ރޭ އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ ފާސްކުރުމުގެ ނަމުގައި ހިންގީ ފޭރުމުގެ އަމަލެއް ކަމަށާއި ގެންދިޔަ ތަކެތި ޕާޓީއާއި ހަވާލުކުމަށް އިދިކޮޅު އެމްޑީޕީ އިން ގޮވާލައިފިއެވެ.
ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ އިއްޒަތްތެރިންގެ ސިޔާދަތާއި އިއްޒަތަށް އުނިކަން ލިބޭފަދަ އަމަލު ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން އެމްޑީޕީ ހަރުގެ ވަނީ ދެ ގަޑިއެއްހާއިރު ވަންދެން ސަރަހައްދު ބަންދުކޮށްގެން ބަލާ ފާސްކޮށްފައެވެ.
އެމްޑީޕީ އިން މައުލޫމާތު ދެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ފުލުހުންނަށް ހަރުގެ ތެރެއިން ކޯޓުއަމުރުގައި ވާއެއްޗެއް ފެނިފައި ނުވާ ކަމަށާއި އެޕާޓީއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ގަނެފައި ހުރި ކުލަތަކާއި ފޮތި ރޯލުތައް ފުލުހުން ގެންގޮސްފައިވާތީ އެތަކެތި އަނބުރާ ޕާޓީއާއި ހަވާލުކުރުމަށް ފުލުހުންގެ މުއައްސަސާއަށް ގޮވާލާފައިވެއެވެ.
އެމްޑީޕީ އިން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމަށް ފުލުހުންނަށް ގާނޫނާއި ޚިލާފަށް ތަކެތި ނަގައިގެން ނުދެވޭނެ ކަމަށާއި އިންތިޚާބަށް އެޕާޓީއިން ކުރަމުންދާ މަސައްކަތަށް ބުރޫއެރުވުމުގެ ގޮތުން ޕާޓީގެ މުދާ ގެންދިޔައީ ކަމަށް ބުނެފައިވެއެވެ.
ފުލުހުން އެމްޑީޕީ ހަރުގެއަށް ރޭ ކޯޓު އަމުރެއްގެ ދަށުން ފާސްކުރުމަށް ވަދެފައިވަނީ ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ އިއްޒަތްތެރިންގެ އިއްޒަތަށް ބުރޫ އެރުމުގެ ޖާގައެއް ނުދޭނެ ކަމަށް ބުނެ ބަޔާނެއް ވެސް ނެރުމަށް ފަހުގައެވެ. މިބަޔާނުގައި މަތީގައި ދެންނެވި އަމަލެއް ކުރާ ކަމަށް ތުހުމަތު ކުރެވޭ ފަރާތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.