ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަށް ސަރުކާރުން ތައްޔާރު ވަމުން އަންނައިރު ގާނޫނު އަސާސީ އިން ލިބިދޭ ހައްގުތައް ނިގުޅައިގަތުމަކީ ގައުމީ ކެމެކޭ ނުބުނެވޭ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ބުނެފިއެވެ.
މައުމޫން ފެކްޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަށް ހުށައަޅާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައެވެ. އަދި ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ވާގޮތުން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރުމާއި ދިވެހިންނަށް ލިބިގެންވާ ހައްގުތައް ހިމާޔަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ޕީޕީއެމްގެ ގަވާއިދާއި އެއްގޮތަށް ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދޭ ހައްގުތައް ނިގުޅައިގަތުމަށް ޕީޕީއެމް ސަރުކާރުން މަސައްކަތް ކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
އަދި މިއަދަކީ ހުރަވީ ދުވަސް ކަމަށްވުމާއެކު ހުރަވީ ދުވަހުގެ ތަހުނިޔާ ޕީޕީއެމްގެ އެންމެހާ މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް އަރިސްކޮށްފައިވެއެވެ.