Last Updated: June 27, 02:30
Saturday, June 27, 2026
ކުޅިވަރު

ޓީސީ ތަށި ނަގައި ފުޓްބޯޅައިގެ ރަން ތާރީހުގެ ތެރެއަށް

ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ޝެއިޚް ކަމާލް ކަޕުގެ ޗެމްޕިއަންކަން ޕެނަލްޓީގައި ދެކުނު ކޮރެއާގެ ޕޮޗޮއިން ބަލިކޮށް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރު ތަށްޓެއް ދިވެހި ކުލަބަކުން ކާމިޔާބުކޮށްފިއެވެ.

ޕެނަލްޓީގައި ޓީސީ ޕޮޗޮއިން ބަލިކޮށްފައިވަނީ 2-4 އިންނެވެ. މެޗުގެ ފުރަތަމަ ގޯލު 18 ވަނަ މިނެޓުގައި ޓީސީ ވަނީ ކާމިޔާބުކޮށް ލީޑު ނަގާފައެވެ. އަބްދުﷲ ހަނީފް(ބެންޖޯ) ޖެހި ގޯލާއެކު ޓީސީ ލީޑު ނަގާފައިވަނިކޮށް ޕޮޗޮއިން ވަނީ ފުރަތަމަ ހާފު ނިމެން މިނެޓެކަށް ވެފައިވަނިކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ ޕޮޗޮއިން ވަނީ ލީޑު ނަގާފައެވެ. ޓީސީއިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން ވަރަށް ކައިރިވެފައިވަނިކޮށެވެ. މިލަނޑު ޖަހާފައިވަނީ ޓީސީގެ އައްޒާމެވެ.

ޕެނަލްޓީގައި ޓީސީ ވަނީ ޖެހި ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ޕޮޗޮއިންނަށް ދެ ޕެނަލްޓީ ވަނީ ކާމިޔާބު ނުކުރެވިފައެވެ.

ޓީސީ ވަނީ މިކާމިޔާބީއާއެކު މުޅި ދިވެހި ރާއްޖެ އަދި ރާއްޖޭގެ ކުލަބު ފުޓުބޯޅަ ފަޚުރުވެރިކޮށްދީފައެވެ.