Last Updated: June 27, 02:30
Saturday, June 27, 2026
ސިޔާސީ

ފޮނަދޫން 100 ފޯމް ފުރައިފި، އަދުރޭ ކޮބާ؟

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އެމްޑީޕީއަށް 100 ފޯމް ތިން ދުވަހުގެ ތެރޭގައި ހަމަކުރުމަށް ކުރެއްވި ޗެލެންޖް އެމްޑީޕީ އިން ފުރިހަމަކޮށްފިއެވެ.

ޕީޕީއެމްއަށް މެމްބަރުން ވައްދަނީ މަޖުބޫރުން ކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށައެޅުމުން ޕާޓީ ދިފާއު ކުރައްވަމުން އަދުރޭ ވަނީ ތިން ދުވަހުގެ ތެރޭގައި އެންމެ 100 ފޯމު ފުރައިގެން ގެނެސްފިނަމަ އެމަނިކުފާނުގެ މުޅި އަހަރުގެ މުސާރަ ހަދިޔާ ކުރައްވާނެ ކަމަށް ބުނެ އެމްޑީޕީއަށް ޗެލެންޖު ކޮށްފައެވެ.

ލާހިކައެއްނޫން ކަމަށް ވިދާޅުވެ އަދުރޭ އެމްޑީޕީއަށް އެކަން ނުވާނޭ ކަމަށް ބުނެފައިވަނިކޮށް ފޮނަދޫ އިން އެމްޑީޕީއަށް ތިން ދުވަހުގެ ތެރޭގައި 100 އަށްވުރެ ގިނަ ފޯމް ވަނީ ފުރާފައެވެ.

އެމްޑީޕީގެ ފޮނަދޫ އެކްޓިވިސްޓަކާއި ހަވާލާދީ ރާއްޖެ އެމްވީ އިން ރިޕޯޓުކޮށްފައިވާ ގޮތުން އެމްޑީޕީ އިން ފޯމު ފުރީ އަބްދުއް ރަހީމްގެ ލާރި ބޭނުންވެގެނެއް ނޫނެވެ. އަދި ދާއިރާ މެމްބަރަށް ދައްކާލަން ބޭނުންވީ ބިރު ދެއްކިޔަސް އަދިވެސް އެމްޑީޕީއަށް ވަންނަ މެމްބަރުން މަދުނުވާނެ ކަން ދައްކާލާށެވެ.

އަދި އޭނާ އިތުރަށް ވިދާޅުވެފައިވަނީ އަދުރޭގެ ގޮންޖެހުމުގެ ސަބަބުން ދާއިރާގައި އެމްޑީޕީއަށް ކުރާ ސަޕޯޓް އިތުރުވެ ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރު މެމްބަރުންވެސް ގުޅޭނެ ކަމަށެވެ.

ކޮންމެއަކަސް މެމްބަރު އަދުރޭގެ ޗެލެންޖު މިއޮތީ ފުރިހަމަ ކޮށްފައެވެ. އަދުރޭގެ ބަހުގެ އިތުބާރު ހިފަހައްޓާނެތޯ އެއީ މިއަދު ގައުމުގެ ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ.