ގއ. ވިލިނގިލި އަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަޑައިގަންނަވާތީ އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔުމަށް ވިލިނގިލީގެ ޕީޕީއެމް މެންބަރުން ތައްޔާރު ވަމުން އެބަދެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަސްޓް ލޭޑީއަށް މަރުހަބާ ކިޔުމަށް އެރަށުގައި ކުރިއަށްދާ ހަރަކާތްތައް ލީޑް ކުރައްވަނީ "ކާފާ" ފެކްޝަނުންނެވެ. "ކާފާ" ފެކްޝަނަކީ، ވިލިނގިލީގައި ޕީޕީއެމްގެ މެންބަރުން ދީފައިވާ ނަމެކެވެ.
ގއ. ވިލިނގިލީގައި ޕީޕީއެމްގެ ހަރަކާތްކުގައި ދެ ފެކްޝަނެއް ހަރަކާތްތެރިވެއެވެ. އެއީ އެމްޕީ ސައުދު ނިސްބަތްވާ "ސައުދު ފެކްޝަން" އާއި "ކާފާ" ފެކްޝަން އެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ވިލިނގިލިއަށް ނިސްބަތްވާ ޕީޕީއެމްގެ މެންބަރަކު ބުނި ގޮތުގައި، ޕީޕީއެމްގެ "އަސްލު" މީހުން ތިބީ މެންބަރު ސައުދު އާއި އެކުގައި ކަމަށެވެ. އެހެން ނަމަވެސް ކޮންމެވެސް ނުފޫޒު ގަދަ ބަޔަކު އެރަށުގައި ޕީޕީއެމް "ހިސޯރުކޮށްފައިވާ" ކަމަށެވެ.
"އަސްލު ޕީޕީއެމް އޭ ކިޔާ މީހުން މިތިބީ އެމްޕީ ސައުދު އާއި އެކު. މާ ފަހުން އައިސްގެން އުޅޭ ބައެއް މިއުޅެނީ. އެމީހުންގެ މީހުންނަށް ކައުންސިލް އިންތިހާބުގެ ހުރިހާ ޓިކެޓެއް މިދިޔައީ ވެސް."
"ކާފާ" ފެކްޝަންގެ ނަމުގައި މަޝްހޫރުވެފައިވާ ފެކްޝަންގައި ފަނޑިޔާރަކު ވެސް ހިމެނޭ ކަމަށް ބުނެ ވިލިނގިލީގެ ޕީޕީއެމް މެންބަރުން ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާފައިވެއެވެ.