ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ރާއްޖޭގޭގައި އިންވެސްޓު ކުރުމަށް ނިންމާފައިވަނީ ރާއްޖެދެކެ ލޯބިވާތީ ކަމަށާއި ގާނޫނީ ހަމަތަކުގެ މަތިން އެމަސައްކަތް ކުރިއަށްދާނަމަ އެއީ މައްސަލައެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމްއާއި ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުން ސައުދީ އަރަބިއްޔާއަކީ ދުނިޔޭގެ މިހާރު އެންމެ ނުފޫޒުބޮޑު އިސްލާމީ ދައުލަތެވެ. އެހެންކަމުން މުސްލިމުންގެ މެދުގައި އަޚުވަންތަކަން ގާއިމުކުރުމަށް ދެ ޙަރަމަށް ޚަރަދުކޮށް ސައުދީއިން ކޮށްފައިވާ ޚިދުމަތަކީ ފަހުގެ ތާރީޚެއްގައި މުސްލިމް ދައުލަތަކުން ކޮށްފައި ނުވާ ކަމެއް ކަމަށް ޑރ.ޝަހީމް ފާހަގަކޮށްފައިވެއެވެ.
އަދި ރާއްޖެ އާއި ސައުދީއާއި ދެމެދު އޮތް ގުޅުމާއި އަޚުވަންތަކަން އިތުރަށް ބަދަހި ކުރުމަށް ސައުދީއިން ރާއްޖޭގައި އިންވެސްޓުކޮށް ގާނޫނާއި އެއްގޮތަށް ތަރައްގީކުރުމަކީ މައްސަލައެއް ނޫން ކަމަށް ދެކޭ ކަމަށް ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.
އަދި ސައުދީ އިލްމުވެރިންނަކީ ޓެރަރިޒަމާއި ގުޅުންތައް ތިބި ބައެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ޝަހީމް ވަނީ ދޮގުކޮށްފައެވެ. ސައުދީއަކީ ޓެރަރިޒަމާއި ދެކޮޅަށް ވަކާލާތުކޮށް އަމަލީގޮތުން އެކަމުގައި މަސައްކަތްކުރާ ގައުމެއްކަންވެސް ޑރ.ޝަހީމް ވަނީ ފާހަގަކޮށްފައެވެ.
ސައުދީ ރަސްގެފާނަކީ އިސްލާމީ ގައުމުތަކަށް ލޯބި ކުރައްވާ ރަސްކަލެއް ކަމަށާއި ހާއްސަކޮށް ދިވެހި ރާއްޖެއަށް ޚާއްސަ ލޯތްބެއް ގެންގުޅުއްވާ ބޭކަލަކަށްވެފައި ރަސްގެފާނު ރާއްޖެ ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަކީ މައްސަލައެއް އޭގައި އޮތްކަމެއް ނޫންކަމަށް ދެކިލައްވާ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.