Last Updated: June 27, 02:30
Saturday, June 27, 2026
ކުޅިވަރު

ބޯންމައުތު އަތުން އެއްވަރުވެ ޔުނައިޓެޑަށް ހިތްދަތިކަން

އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ ކުރިއަށް ދިއުމަށް މެންޗެސްޓާ ޔުނައިޓެޑަށް ލިބުނު ފުރުސަތު ބޯންމައުތް އަތުން އެއްވަރުވެ އަނެއްކާވެސް ނަގާލައިފިއެވެ.

މިއަދު ހަވީރު އޮލްޑް ޓްރެފޮޑްގައި ކުޅުނު މިމެޗު ނިމިގެން ގޮސްފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެ ޔުނައިޓެޑު ވަނީ ސީޒަނުގެ 10 ވަނަ ޑްރޯ މިއަދު ހަމަކޮށްފައެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅުގައިވެސް ޔުނައިޓެޑަށް ފުލުފުލުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާއިރު ބޯންމައުތަށްވެސް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ޔުނައިޓެޑު މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މިގޯލު ޖަހާފައިވަނީ ޑިފެންޑަރު މާކޮސް ރޯޖޯއެވެ. އޭނާގެ ގޯލަށްފަހު ބޯންމައުތް އެއްވަރުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ދެޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި ބޯންމައުތްގެ ސާމަންއަށް ރެފްރީ ވަނީ ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑު ދައްކާފައެވެ.

މެޗުގެ ދެވަނަ ހާފު އެއް ކުޅުންތެރިޔަކު މަދުން ކުޅުނު ބޯންމައުތް ކޮޅަށް ޔުނައިޓެޑް ޓީމަށް ލަނޑެއް ނުޖެހުމުން ސަޕޯޓަރުން ވަނީ އިންތިހާއަށް ދެރަވެ މާޔޫސްވެ އެހާމެ ރުޅިގަދަވެފައެވެ.