މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ސ. އަތޮޅު މަދަރަސާ އާއި އިރުޝާދިއްޔާ ބައްދަލު ކުރި މެޗް ފަސޭހަކަމާއި އެކު އިރުޝާދިއްޔާ ސްކޫލުން ކާމިޔާބްކޮށްފިއެވެ.
އައްޑޫ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މިމެޗް އިރުޝާދިއްޔާ ސްކޫލުން ކާމިޔާބް ކުރީ 4-1 ލަނޑުންނެވެ.
މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ކުރީކޮޅު ޖަހައި ލީޑް ނެގީ އިރުޝާދިއްޔާ ސްކޫލުންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުސެއިން އައިކްއެވެ. ނަމަވެސް މެޗްގެ 33 ވަނަ މިނިޓްގައި އަތޮޅު މަދަރަސާގެ އިބްރާހިމް ލީވާން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ނަތީޖާގައި އަތޮޅު މަދަރަސާއަށް ހިފަހައްޓާލެވުނީ އެންމެ 5 މިނިޓަށެވެ. މެޗްގެ 38 މިނިޓްގައި އައިކް ވަނީ ދެވަނަ ފަހަރަށް އިރުޝާދިއްޔާއަށް ލީީޑް ނަގާދީފައެވެ.

އިރުޝާދިއްޔާގެ ތިންވަނަ ލަނޑު މުހައްމަދު ޝާކީ ޖަހައިދިން އިތު ހަތަރުވަނަ ލަނޑު ޖެހީ މުހައްމަދު އަރުހަމް ޝަހީރުއެވެ.
މުބާރާތުގައި އަތޮޅު މަދަރަސާ މިހާތަނަށް ކުޅުނު ދެމެޗުން ބަލިވެފައިވާއިރު އިރުޝާދިއްޔާ ވަނީ ކުޅުނު ދެމެޗްވެސް ކާމިޔާބްކޮށްފައެވެ.
މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އައްޑޫ ހައި ސްކޫލް އާއި ހިތަދޫ ސްކޫލްއެވެ.