މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ކުރިއަށްދާ ސަދަން އޮޕަރޭޝަންސް ކޮމާންޑް (އެސްއޯސީ) ހެޑް ކަޕްގައި ފުވައްމުލަކު ސިޓީ ޕޮލިސް އާއި ދ. އަތޮޅު ޕޮލިސް ބައްދަލުކުރި މެޗް 2-2 ލަނޑުން އެއްވަރުވެއްޖެއެވެ.
ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ މި މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ދ. އަތޮޅު ޓީމުންނެވެ. އެޓީމްގެ ފުރަތަމަ ލަނޑު މުހައްމަދު އިހްސާން ޖެހިއިރު ދެވަނަ ލަނޑު ޖެހީ އަބްދުލް ޙާލިޤް އަހްމަދުއެވެ. ފުވައްމުލަކުން މެޗް އެއްވަރު ކުރީ ފަހު ހާފްގައި ދެ ލަނޑު ޖަހައިގެންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މެޗްގެ މޮޅު ކުޅުންތެރިއާ ހޯދި މުހައްމަދު ޝިހާމްއެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗްގައި ގއ. އަތޮޅު ޕޮލިސް ޓީމާއި ތ އަތޮޅު ބައްދަލުކުރި މެޗް 3-0 ލަނޑުން ކާމިޔާބް ކުރީ ތ އަތޮޅު ޓީމެވެ. މެޗްގައި ތ އަތޮޅު ޓީމަށް ލަނޑުޖަހާ ދިނީ ހާމިދު ނަސީރު އާއި ނަސްރުﷲއެވެ. ނަސްރުﷲ ވަނީ 2 ގޯލް ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތ.އަތޮޅު ޕޮލިސް ޓީމްގެ ޖާޒީ ނަމްބަރ 6 ހުސައިން ރަޝީދެވެ.
މުބާރާތުގައި މިއަދު ހަވީރު ފުރަތަމަ ކުޅޭނީ ގއ. ޓީމާއި ފުވައްމުލަކު ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ދ. އަތޮޅު ޓީމާއި ތ. އަތޮޅު ޓީމެވެ.

ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ، ރަނަރަޕް ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ސަދަރން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ ހަތަރު ޑިވިޝަންގެ އަތޮޅުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އޮތް ގުޅުން މިހާރަށް ވުރެ ރަނގަޅުކޮށް ގުޅިގެން މަސައްކަތް ކުރުމާއި އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާ ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.