ދައުލަތުން 160 މިލިއަން ހަރަދު ކުރައްވައިގެން ފޭދޫން ހިއްކި ފަންސާސް ހެކްޓަރ ބިމުގެ ލޭންޑް ޔޫސް ޕްލޭން ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒަކެޓިވް އަބްދުﷲ ޒިޔާދު ވިދާޅުވީ ފޭދޫ ހިއްކި ބިމުގެ ވަށައިގެން ރިވެޓްމަންޓް ޖަހައި ނިމި އެތަން ބޭނުން ކުރާނެ ޕްލޭން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި އެތަނުގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފްސީލް ވަރަށް އަވަހަށް އިއްލާން ކުރައްވާނެކަމަށެވެ.
އެގޮތުން ގެސްޓްހައުސް މަޝްރޫޢު އާއި އިންޑަސްޓްރިއަލް މަސައްކަތްތަށް ވަރަށް އަވަހަށް ބިން ދޫކުރަން ފަށާނެކަމަށް ޒިޔާދު ވިދާޅުވިއެވެ.
ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ފޭދޫގައި އަލަށް ހިއްކި ފަންސާސް ހެކްޓަރ ބިމުގެ މަގު ހެދުމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަސައަކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އަބްދުﷲ ޔާމީން ވަނީ ފޭދޫގައި 100 ފްލެޓް އިމާރާތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި ފްލެޓްތައްވެސް އިމާރާތް ކުރެވިގެންދާނީ ހިއްކި ސަރަހައްދުގައެވެ.