Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ގޮއިދޫ އަންހެނުން މަގު ކޮނުނީ ނާށިން، ސާބަސް!

ފޮޓޯ-ސަން

ބ.ގޮއިދޫގައި އެރަށު ސުކޫލަށް ފައިސާ ހޯދުމަށް ބޭއްވި ފަންޑްރެއިސިންގ ގައި އެރަށު ރައްޔިތުން ނާއްޓާއި ތަށި ބޭނުންކޮށްގެން މަގު ކޮނެފިއެވެ. ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލާއި ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުން މިމަސައްކަތުގައި ބައިވެރިވީ ގިނައިން އަންހެނުންނެވެ.

ގޮއިދޫ ރައްޔިތުން ވަނީ އެރަށު ސޯލާ ޕެނެލް ހަރުކުރާ ސަރަހައްދުން ރަށުގެ އިންޖީނުގެއާ ހަމައަށް 680 މީޓަރު ދިގަށް މަގު ކޮނެފައެވެ. ފިރހެންވެރިން އުދެލިން ފަސްގަނޑު ތެޅުމުން އަންހެން ކަނބަލުން ވަނީ އުދެލިއާއި ސާމާނު ނުލިބުމުން ނާއްޓާއި ތަށި ބޭނުންކޮށްގެން ފަސްގަނޑު ކޮނޭ ނިންމާލާފައެވެ.

ހިތްވަރުގަދަ މިމަސައްކަތުން ރަށު ރައްޔިތުންވަނީ ދަރިންގެ ތައުލީމަށް 72،000 ރުފިޔާ ހޯދާފައެވެ. އިއްޔެ ހެނދުނު 8:00 ޖެހިއިރު ރައްޔިތުން މަސައްކަތަށް ނިކުމެ ފޯރިއާ ޖޯޝުގައި ފެށި މަސައްކަތް ވަނީ 9:30 ގައި ނިންމާލާފައެވެ.

ސްކޫލް ޕްރިންސިޕަލް ވިދާޅުވީ ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުން ސްކޫލް ޑިޖިޓަލް ކޮށް ލައިބްރަރީވެސް އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ. ގޮއިދޫ ރައްޔިތުންގެ މިހިތްވަރުގަދަ މަސައްކަތަކީ ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ނަމޫނާއެއް ކަން ކަށަވަރެވެ.