މިސަރުކާރުން އިސްކަންދޭނީ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތައް ތަރައްގީކުރުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ. ހުރިހާ ރަށްރަށަކީ ބަނދަރުތަކާއި ނަރުދަމާފަދަ ވަސީލަތްތައް ގާއިމުކުރެވޭނެ ރަށްތަކެއް ނޫން ކަމަށާއި އެއީ އިގްތިސޯދީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.
އަދި ސަރުކާރުގެ އަމާޒަކީ ދިވެހި ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ކަމަށާއި މަޑުމަޑުން ކުޑަ ކުޑަ ތަރައްގީ ގެނައުމަކީ މިސަރުކާރުގެ އަމާޒެއް ނޫން ކަމަށް މިނިސްޓަރު ވަނީ އިތުރުކޮށްފައެވެ. ފ.އަތޮޅުގެ އިންވެސްޓުމެންޓަށް އަލިއަޅުވާލައްވަމުން މިނިސްޓަރު މިގޮތަށް ވާހަކަދައްކަވާފައިވާއިރު ފ.އަތޮޅުގައި ކުރަނީ ބޮޑު އިންވެސްޓެމެންޓެއް ކަމަށާއި އެއީ ގާނޫނާއި ހިލާފަށް ރަށް ވިއްކާލުމެއް ނޫންކަމަށްވެސް މުއިއްޒު ވާހަކަފުޅުގައި ބުނެފައިވެއެވެ.
ވެރިކަންކުރާ ރަށްތައް ތަރައްގީކޮށް އަތޮޅުގައި ދެންތިބި ކުދި ރަށްތަކުގެ ރައްޔިތުން ވެރިކަން ކުރާ ރަށަށް ހިޖުރަ ކުރުމުން ސަރުކާރުން އެއާއިލާތަކަށް ހިލޭ ގެދޮރު ހަމަޖައްސާދޭނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.
ނަމަވެސް ބޮޑު ރަށްތައް ތަރައްގީ ކުރުމަށް އިސްކަންދިން ނަމަވެސް ކުދި ރަށްތައްވެސް ސަރުކާރުން ތަރައްގީ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.