Last Updated: June 12, 02:23
Thursday, June 11, 2026
ސިޔާސީ

އެމްޑީޕީން މެންބަރުން އިތުރު ކުރުމުގެ ޕްރޮގްރާމްއެއް ފަށަނީ

އެމްޑީޕީގެ ޤައުމީ މަޖްލީހުން ފާސްކުރި ޤަރާރާ ގުޅިގެން 60،000 މެންބަރުން ޕާޓީ އަށް ހަމަ ކުރުމަށް ހުޅުވާލި ކެންޕޭންގެ ތެރެއިން އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން 30 ދުވަހުގެ މުއްދަތަށް މެންބަޝިޕް އިތުރުކުރުމުގެ ޕްރޮގްރާމްއެއް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މާލެ ސިޓީގެ ހަ އަވަށުގައި ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށޭނީ މިއަދު ހެނދުނު 10:00 ގަ ހުޅުމާލޭގަ އެވެ.

ހަފުތާގެ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް މި މަސައްކަތް ކުރިޔަށް ގެންދާނެ އެވެ. އެގޮތުން ކޮންމެ ދާއިރާއެއްގައި ވެސް ތިން ދުވަހު މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލޭ ސިޓީގެ ހަ އަވަށުގައި މަސައްކަތް ނިންމާލާ އިރު އަންހެނުންގެ ރޫޙުން 1،000 މެންބަޝިޕް ފޯރމް ފުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

“ކޮންމެ އަވަށެއްގެ ދާއިރާ ތަކުގެ ތެރެއިން އެންމެ މީހުން ގިނަ ހިސާބެއް ދިމާކޮށް އެ ދުވަހަކު މޭޒުބަހައްޓާނީ އެކަންމަންޗެއްގައި. ދާއިރާއެއް ނިންމުމަށް ދެ ދުވަސް ނުވަތަ ތިން ދުވަސް ވެސް ނަގާފާނެ. އެހިސާބުން އެހެން ދާއިރާއަކަށް ދާގޮތަށް. މިގޮތަށް އަވަށެއް ނިންމާފަ އަނެއް އަވަށެއްގައި މަސައްކަތް ކުރުން. މީ ރާވާފައިވާ ގޮތް،" މި ޕްރޮގްރާމާ ގުޅޭ ގޮތުން އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދު ވިދާޅުވި އެވެ. “ކޮންމެ ދުވަހަކުވެސް ލިބޭ ފޯމް އަންހެނުންގެ ރޫހުގެ ފަރާތުން ޙަވާލުވި މެންބަރެއްގެ ބެލުމުގެ ދަށުން މެންބަޝިޕް ކޮމެޓީއަށް ހުށަހަޅާނީ އަންހެނުންގެ ރޫޙުގެ ނަމުގަ. ސްލިޕްކޮޅާ އަދި ހުށަހެޅި ފޯމްތަކުގެ މަޢުލޫމާތު ޝީޓްވެސް އަންހެނުންގެ ރޫހުން ރައީސާ އާ ޙަވާލް ކޮށް އެ މެންބަރުން ރަޖިސްޓްރީ ވަންދެން ރޫޙުން ބަލަހައްޓަމުން ގެންދާ ގޮތަށް.”

އަންހެނުންގެ ރޫޙްގެ ފަރާތުން މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށް ދިވެހިރާއްޖެގެ އިންތޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ އިތުރުން ޕާޓީގެ ޗެއަރ ޕާސަންއާ، ޤައުމީ މަޖްލިސްގެ މެންބަރުންނާއި، ދާއިރާގެ ރައީސުންނާއި، ނާއިބުރައީސުން އަދި އެމް.ޑީ،ޕީގެ އެންމެހާ މެމްބަރުންނާއި މި މަސައްކަތުގަ ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.