"ތާޒާ" ފެނުގައި ފާ ރަހައެއް ދޭ މައްސަލައެއްގައި އާންމުންގެ ޝަކުވާތައް ބޮޑުވެއްޖެއެވެ.
އައިލެންޑް ބެވަރޭޖް މޯލްޑިވްސް (އައިބީއެމް) އިން އުފައްދާ "ތާޒާ" ފެނުގައި ފާ ވަހާއި ފާ ރަހަ ހުރުމުން އާންމު ރައްޔިތުންގެ ޝަކުވާތައް އިތުރުވުމާއި ގުޅިގެން އެ ކުންފުނިން ގެންދަނީ މައްސަލަ ފާހަގަކުރެވުނު ބެޗްގެ ފުޅިތައް ފިހާރަތަކުން ނަގަމުންނެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި މައްސަލަ ޖެހިފައިވަނީ ބެޗް ނަމްބަރު 1465 އާއި 1466 ގެ ފުޅި ތަކުގަ އެވެ.
'ރާއްޖެޓީވީ' ގައި މައުލޫމާތު ދެމުން އައިބީއެމް އިން ބުނީ ހޮނިހިރު ދުވަހު އެފަދަ މައްސަލައެއް ފެންމަތި ވެފައިވާ ކަމަށާއި އެ ފުޅިތައް މިހާރު ނަގަމުންދާ ކަމަށެވެ.
"ތާޒާ" ފެނުގައި ފާ ރަހައެއް ދޭ މައްސަލައެއް ފުލުހަށާއި އެމްއެފްޑީއޭ އަށްވެސް ވަނީ ހުށަހަޅާފައެވެ.
"ތާޒާ" ފެނުގައި މައްސަލައެއް ހުރި ކަމުގެ ޝަކުވާ ލިބިގެން ސާމަޕަލްތައް ނަގައި ޓެސްޓު ކުރަމުން ގެންދާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް ޓެސްޓުތަކުގެ ނަތީޖާ ނުލިބޭތީ ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ތާޒާ" ފެނުގެ ބައެއް ފެން ފުޅީގައި ފުސްކަމެއް ހުރި މައްސަލައެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ވަނީ ފެންމަތިވެފައެވެ.