ސަރުކާރުން ކަރަންޓަށް ސަބްސިޑީއެއް ދެވެން ނެތްކަމަށާއި އެއަށްވުރެ މުހިއްމު ކަންކަމަށް ސަރުކާރުން ސަބްސިޑީ ދިނުން މާ ރަނގަޅުކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބްގައި ވާދަކުރާ އެމްޑީއޭ ކެންޑިޑޭޓުންނާއި ޓިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ކަރަންޓަށް ދޭ ސަބްސިޑީގެ ބަދަލުގައި އާސަންދަ ފަދަ ސިއްހީ ހިދްމަތަށް ސަބްސިޑީ ދިނުން މާ މުހިއްމުކަމަށެވެ.
ރައީސް ވިދާޅުވީ ކަރަންޓް އުފައްދާ ކުންފުންޏަކަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި ޓީޗަރުންނާއި ސިއްހީ ދާއިރާގައި މަަސައްކަތް ކުރައްވާ ފަރާތްތަކަށް މުސާރަދިނުމުގައި އެފައިސާ ހޭދަކުރުން މާ މުހިއްމުކަމަށެވެ.
ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއްދީގެން ދޭން ޖެހޭ ސަބްސިޑީ އަކީ ބޭހާއި ކާޑަށް ދޭން ޖެހޭ ސަބްސިޑީކަމަށެވެ. އަދި މީގެ ކުރިން ހުރިހާ އެންމެނަށް ލިބެމުން އައި ސަބްސިޑީ މިހާރު ލިބެމުންދަނީ އެކަމުގެ ހައްގުވެރިންނަށްކަމަށް ރައީސް ވިދާޅުވިއެވެ.
ކަރަންޓްގެ ސަބްސިޑީ ކަނޑާލައި، ތެލުން ފިއުލް ސާޗާޖް ނަގަން ފެށުމުން ކަރަންޓް ބިލްވަނީ ބޮޑުވެފައެވެ. އެހެންވެ ގިނަ ރައްޔިތުންދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.