ފުލުހެއްގެ ގައިގައި ފައިން ޖެހި މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން 1 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ހުކުމް އިއްވާފައި ވަނީ ގއ.ދާންދޫ / ހެޕީސައިޑް ޒުހުދާ ޢަބްދުލްމުޙްސިންގެ މައްޗަށެވެ.
ޒުހުދާ ޢަބްދުލްމުޙްސިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 14 މާރޗް 2016 ގައި ވައްކަމުގެ މައްސަލައަކާއި ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޟިރުކޮށް، އޭނާގެ ހަށިގަނޑު ބަލާފާސްކުރުމަށްފަހު އަތުގައި ބިޑި އަޅުވަން އުޅުމުން ފުލުސް މީހާގެ ކަނާއަތު ފައިގެ ފަލަމަސްގަނޑުގައި މީނާގެ ފައިން ޖަހާފައިވާތީއެވެ.
ޒުހުދާގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ގުޅުވާލެވޭ ޤަރީނާތަކުން އޭނާ ފުލުސް މީހާއަށް ހަމަލާދިންކަން އެނގެން އޮތުމުން ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.