Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ކަނޑުމަތީގެ ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ކަނޑުމަތީގެ ޤާނޫނާއި ޤަވާޢިދުތައް ތަންފީޒް ކުރުމުގެ ގޮތުން މި އަހަރު ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ޚާއްޞަ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓްގާޑައި މެރިން ޕޮލިސް ގުޅިގެން ފަށައިފި އެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތައް ހިމެނޭ ގޮތަށް އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކާއި މެރިން ޕޮލިސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ އެމްއެންޑީއެފް ސަދަން އޭރިއާގައި ވަނީ އޮޕަރޭޝަން ފަށާފަ އެވެ.
މިގޮތުން ކުރެވުނު މަސައްކަތުން މިއަދު ވަނީ އައްޑު އަތޮޅުގައި ބަޔަކު ޤަވާޢިދާއި ޚީލާފަށް ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނަގަން އެޅެނިކޮށް ފެނިފައެވެ. މިހާރު އެ މީހުން ވަނީ މޯލްޑިވްސް ޕޮލިސް ސަވިސް ގެ ބެލުމުގެ ދަށުގައެވެ.

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު 87/5 އިން ބާރުލިބިގެން ހަދާފައިވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤަވާޢިދުގެ 02 ވަނަ މާއްދާގެ ޅ. ގައި ބުނެފައިވަނީ ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ އާއި އިހި ނެގުމަކީ މަނާ ކަމެކެވެ.

މި އޮޕަރޭޝަން އެމްއެންޑީއެފް ސަދަން އޭރިއާގައި ފެށި ނަމަވެސް ކުރިއަށް އޮތް ތާނގައި އެމްއެންޑީއެފްގެ ހަތަރު އޭރިއާގައި ވެސް މި އޮޕަރޭޝަން ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.