ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭނުކުރުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން އެޕާޓީއިން ނިންމައިފިއެވެ.
މިއަދު ބޭއްވުނު ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކެންޑިޑޭޓުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު ވަކި އުސޫލެއްގެ މަތިން ކެންޑިޑޭޓުންނަށް ފައިސާ ދޫކުރަމުންދާނެ ކަމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެފައިވެއެވެ.
އާރިފް ވިދާޅުވެފައިވަނީ ކެންޑިޑޭޓުން ކެމްޕޭނުކުރުމަށް ބޭނުންވާ ޕޯސްޓަރު ހެދުމާއި އެހެނިހެން މަސައްކަތްތައް ކުރުމަށް ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ޕާޓީއިން ވަނީ ނިންމާފައެވެ.
އަދި މިގޮތަށް ކެންޑިޑޭޓުންނަށް އެހީތެރިވެދިނުމަކީ ޕާޓީއިން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި ފާއިތުވެދިޔަ އިންތިޚާބުތަކުގައިވެސް ޕީޕީއެމްއިން ވަނީ ކެންޑިޑޭޓުންނަށް ގޮނޑިތައް ކާމިޔާބުކުރުމަށް ބޭނުންވާ އެހީތެރިކަން ވީވަރަކުން ފޯރުކޮށްދީފައި ކަމަށް އާރިފް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްވަނީއެމްޑީއޭ އަދި ޑީއާރްޕީ ބައިވެރިވެ ކޯލިޝަނެއް ހަދާފައެވެ. ރޭގައި އެމްޑީއޭ އިން ވަނީ ބޮޑު ޖަލްސާއަކާއެކު ޕާޓީގެ ކެންޑިޑޭޓުންނާ ޓިކެޓު ހަވާލުކޮށްފައެވެ.