Last Updated: June 11, 22:21
Thursday, June 11, 2026
ވިޔަފާރި

"ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ހެދި ކުދި ކޮންސްޓްރަކްޝަން ކުންފުނިތައް ނެތިއްޖެ"

ހިތަދޫ ބަނދަރު ސަރަހައްދުގައި ބިދޭސީންތަކެއް މަސްބާނަނީ. ބިދޭސީންނާއި ގުޅޭ ހިދްމަތް އައްޑޫން ލިބުން ވަނީ ހުއްޓީފައި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ކުންފުނިތައް ނެތިގެން ގޮސްފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުޙައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވެއްޖެ އެވެ.

ޖަނާ ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ، އިންޑަސްޓްރީގައި ހަރަކާތްތެރިވާން ފަށާ އަދި މިހާރު ވެސް ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކުގެ އިތުރުން ޒުވާން ގްރޫޕުތަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ބިދޭސީން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް އަތް ގަދަކުރުމުގެ ސަބަބުން މީގެ ކުރިން ޒުވާން ގްރޫޕުތަކުން ކުރި މަސައްކަތްތައް ގެއްލިފައިވާ ކަމަށެވެ.

ޖަނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މިހާރު ގާތްގަނަޑަކަށް ބައި ލައްކައަށް ވުރެ މަތިވެފައިވާ ކަމަށާއި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި، ރައީސްގެ އިތުރުން ޤާނޫނު ހަދާ ބާރުގެ ސަމާލު ކަމަށް މި މައްސަލަ ގެންގޮސްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މިއަދާ ހަމައަށް މިކަމުގައި ފައިދާ ހުރި ގޮތެއްގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ. މި މައްސަލަ ހައްލު ކުރުމަށް އިޚްލާސްތެރިކަމާއެކު ފިޔަވަޅު އަޅައިގެން ނޫނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ނުހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.